އެސްޓީއޯ އިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެސްކަލޭޓަރ ތައާރަފްކޮށްފިއެވެ.

އެސްޓީއޯއިން ވަނީ މީގެ ކުރިން ކޯނޭ ބްރޭންޑްގެ ލިފްޓު ރާއްޖެއަށް ތައާެރަފްކޮށްފައެވެ. އަދި ރާއްޖޭގެ މާކެޓުގައި ކޯނޭ ބްރޭންޑްގެ ލިފްޓަށް ލިބުނު މަގުބޫލުކަމާއެކު އެ ބްރޭންޑްތުގެ އެސްކެލޭޓަރ ރާއްޖެއަށް ތައާރަފްކޮށް އެންމެ ފުރަތަމަ ހަރުކުރަން ހަމަޖެހިފައިވަނީ އެސްޖޭ ޝޮޕިން މޯލުގައެވެ.

އެސްކެލޭޓަރ ރާއްޖެ ގެނެސް އިންސްޓޯލް ކޮށްދިނުމަށް އެސްޓީއޯއާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ބުދަދުވަހުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖަރ މުހައްމަދު އީމަންއެވެ. އެސްޖޭ ކޮންސްރަކްޝަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރ ޝިހާދު އިބްރާހިމްއެވެ.

އެސްޓީއޯއިން ބުނީ، ފިންލޭންޑްގެ އުފެއްދުމެއްކަމަށްވާ "ކޯނޭ" އެސްކެލޭޓަރ އަކީ ރައްކާތެރި އަދި ތިމާވެއްޓާއި ރަހުމަތްތެރި އުފެއްދުމެއް ކަމަށާއި، މިޕްރޮޑަކްޓަކީ ISO 14001 ސޭފްޓީ މިންގަނޑުތަކުގައި ހިމެނުމުގެ އިތުރުން، އެންޓި ރައިޑް / އެންޓި ސަރފް ބެރިޔަރ އަދި ބަލުސްޓްރޭޑް އެކްސްޓެންޑްކޮށް، ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އުފެއްދުމެއްކަމަށްވެސް އެސއްޓީއޯއިން ބުންޏެވެ.

2020 ވަނަ އަހަރު "ފޯބްސް"އިން ހޮވާ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ގްރީން އެވޯޑްތަކެއް ހޯދާފައިވާ "ކޯނޭ" ބްރޭންޑްގެ އެސްކެލޭޓާގައި ހިމެނޭ ތިމާވެއްޓާއި ރަހުމަތްތެރި ކަންތައްތަކުގެ ތެރޭގައި ހައި-ސްޕީޑް މޯޓަރ ބޭނުންކޮށް ފުލް ސްޕީޑުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރު ކުޑަ ކޮށްދިނުމާއި، ލުބްރިކޭޝަން-ފްރީ ސްޓެޕް ޗެއިން ބޭނުންކުރުމުގެ އިޚްތިޔާރުލިބި، ތެޔޮ ބޭނުން ނުކޮށް އެސްކަލޭޓަރ ސާފުކުރެވި، ފަސޭފައިން މެއިންޓެއިންކުރުމަށް މަގުފަހި ކުރެވުން ހިމެނެއެވެ.