މަޝްހޫރު ޓީވީ ސިލްސިލާތައް ކަމަށްވާ "ހީރޯސް" އަދި "ނޭޝްވިލް" އިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެމެރިކާގެ އެކްޓަރު ހޭޑަން ޕެނެޓިއޭ އުމުރުން 36 އަހަރުގައި ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ގިނަ ބަޔަކަށް ސިހުން ލިބިއްޖެ އެވެ. އޭނާ މަރުވިކަން ހޭޑަންގެ އާއިލާއިންނާއި އޭނާގެ ރެޕްރެޒެންޓޭޓިވް ވަނީ އެމެރިކާގެ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ހޭޑަން މަރުވެފައި އޮއްވާ ފެނުނީ ސައުތު ކެރޮލައިނާގައި އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓެއްގެ ތެރެއިންނެވެ. ފުލުހުންނަށް ރިޕޯޓު ކުރުމާއެކު އެމަޖެންސީ ފަރާތްތަކުން ގޮސް ބެލިއިރު އޭނާ އޮތީ ހޭނެތިފަ އެވެ. އަދި އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އޭނާގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، މިހާތަނަށް ބެލި ބެލުމުން އޭނާގެ ހަށިގަނޑުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ވަނީ ބުނެފަ އެވެ. އަދި މިއީ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށް ތުހުމަތު ނުކުރެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ހޭޑަންގެ ކުއްލި މަރާއެކު އޭނާގެ ފޭނުންނާއި އެކީގައި މަސައްކަތްކުރި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

އޭނާގެ މަރާ ގުޅިގެން ހޭޑަންގެ ބައްޕަ ސްކިޕް ޕެނެޓިއޭ ނެރުނު ބަޔާނެއްގައި ބުނީ، މިއީ އާއިލާއަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ.

"އޭނާއަކީ އެންމެންނަށް ވެސް އުފާވެރިކަމާއި ލޯބި ގެނެސްދިން އަލިގަދަ ތަރިއެއް. އޭނާ ދެކެ ލޯބިވި އެންމެންނަށާއި، ސްކްރީނުން އޭނާ ބެލި އެތައް މިލިއަން މީހުންނަށް އޭނާ އުފާވެރިކަން ގެނެސްދިން،" ސްކިޕް ނެރުނު ބަޔާނުގައި ބުންޏެވެ.

ކުޑައިރުއްސުރެ އެކްޓްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އައި ހޭޑަން ވަނީ ގިނަ ފިލްމުތަކަކާއި ޓީވީ ޝޯތަކެއްގައި މުހިންމު ރޯލުތަކެއް ކުޅެފަ އެވެ. ހާއްސަކޮށް "ހީރޯސް" ގައި އޭނާ ކުޅުނު ކްލެއާ ބެނެޓްގެ ރޯލުން އޭނާއަށް ވަނީ އިންޓަނޭޝަނަލް ފެންވަރުގައި ބޮޑު މަޝްހޫރުކަމެއް ލިބިފަ އެވެ. މަރުވިއިރު އޭނާގެ 11 އަހަރުގެ އަންހެން ކުއްޖަކު ދުނިޔޭގައި އެބަހުއްޓެވެ.