މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ ދަރިފުޅު ފީބީ ގޭޓްސް އުފައްދާފައިވާ 'ފިއާ' ކުންފުންޏަށް ވިޔަފާރީގެ މަކަރާއި ހީލަތް ހިންގި ކަމުގެ ތުހުމަތުތަކެއް އަމާޒުވެއްޖެއެވެ. ފީބީއަށް އިންޓަނޭޝަނަލް މީޑިއާތަކުގެ ސަމާލުކަން ހުއްޓިފައިވަނީ އޮންލައިންކޮށް މުދާ ވިއްކައިގެން ލިބޭ ކޮމިޝަން ނަހަމަ ގޮތުގައި ހޯދުމަށް 'ކުކީ ސްޓަފިން' ނަމަކަށް ކިޔާ ނާޖާއިޒު އުކުޅެއް ބޭނުންކުރި މައްސަލައެއްގައެވެ.
ގާނޫނީ މާހިރުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އެމެރިކާގެ ގާނޫނުތަކުގެ ދަށުން ބޮޑު ކުށެކެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ގޮތުގައި މިކަން ސާބިތުވެއްޖެނަމަ، 20 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށްވެސް ގާނޫނީ ވަކީލުން ބުނެއެވެ. މި އުކުޅުގެ ބޭނުމަކީ ކުންފުނިން ހޯދާފައިނުވާ ވިއްކުންތަކަކުން ނާޖާއިޒު ގޮތުގައި ފައިސާ ހޯދުމެވެ.
ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުންފުނީގެ ތެރޭގައި މިފަދަ ނާޖާއިޒު ކަންތައްތަކެއް ހިންގަމުންދާކަން މީޑިއާއަށް ތިލަވުމުގެ އެތައް މަހެއް ކުރިންވެސް ފީބީއަށް އެނގޭކަމުގެ ތުހުމަތު ކުރެވެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފީބީގެ ފަރާތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
