ބަރުދަން ލުއިކުރުމަށްޓަކައި ކެއުމުގެ މިންވަރު މަދުކުރުމާއި، ކެލޮރީ ގުނުމުގެ އިތުރުން އަބަދު ބަނޑުހައިވެފައި ހުރުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، ފިޒީޝަންސް ކޮމިޓީ ފޯ ރެސްޕޮންސިބަލް މެޑިސިން އިން ދާދިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ތެޔޮ މަދު ޑައިޓެއް ބޭނުންކޮށްގެން ކާ މިންވަރު މަދުނުކޮށްވެސް ބަރުދަން ލުއިކުރެވިދާނެއެވެ. މިއީ ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި ހަބަރެކެވެ.
16 ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ކްލިނިކަލް ޓްރަޔަލްގައި ބައިވެރިން މައިގަނޑު ގޮތެއްގައި ކެއުމުގައި ބޭނުންކޮށްފައިވަނީ މޭވާއާއި، ކާނާގެ ބާވަތްތަކުގެ ތެރެއިން ތަރުކާރީއާއި، ގްރެއިންސް (ގޮވާމުގެ ބާވަތްތައް) އަދި ބީންސް ނުވަތަ ތޮޅީގެ ބާވަތްތަކެވެ. މި ދިރާސާއިން އެނގުނު ގޮތުގައި، ބައިވެރިން ކޭ ކެއުމުގެ ޖުމްލަ މިންވަރަށް ބޮޑު ބަދަލެއް ނުއައިނަމަވެސް، އެމީހުންގެ ހަށިގަނޑަށް އެތެރެވާ ކެލޮރީގެ މިންވަރު ވަނީ ދުވާލަކު އެވްރެޖްކޮށް 357 ކެލޮރީއަށް ދަށްވެފައެވެ.
މިފަދަ ޑައިޓަކުން ކެއުމުގެ މިންވަރު މަދުނުކޮށް ކެލޮރީ މަދުވާ މައިގަނޑު ސަބަބަކީ، މޭވާއާއި ތަރުކާރީ އަދި ގޮވާމުގެ ބާވަތްތަކުގައި ފައިބަރާއި ފެނުގެ މިންވަރު ގިނަވެފައި، ތެލާއި ފެޓްގެ މިންވަރު ނިސްބަތުން ވަރަށް މަދުވުމެވެ. މީގެ ސަބަބުން ބަނޑުފުރޭ މިންވަރަށް ކެއި ކަމުގައިވިޔަސް، ހަށިގަނޑަށް އެތެރެވާ ކެލޮރީގެ މިންވަރު ކުޑަވެ، ބަނޑުހައިކަން އިހުސާސްނުވެ ސަބަބުން ބަރުދަން ލުއިވުމަށް މަގުފަހިވެގެންދެއެވެ.
އެހެންކަމުން، ބަރުދަން ލުއިކުރުމަށްޓަކައި ކާ މިންވަރު މަދުކޮށް ބަނޑަށް ހުރުމުގެ ބަދަލުގައި، ސިއްހަތަށް ފައިދާހުރި ސާފު ކާނާގެ ބާވަތްތައް އިޚްތިޔާރުކުރުމަކީ މުހިންމު ކަމެކެވެ. ތެޔޮ މަދު، ތަރުކާރީއާއި މޭވާއަށް އިސްކަންދޭ ކެއުމުގެ އާދައެއް އަށަގަނެވުމަކީ ދިގު މުއްދަތަކަށް ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އޮތް ވަރަށް ރަނގަޅު ހައްލެކެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
