އިންސާނާގެ ޙަޔާތުގައި ކޮންމެ ދުވަހަކުވެސް އިރުއަރައި އޮއްސިގެންދަނީ އެތައް ފުރުޞަތުތަކަކާއިގެންނެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ދުނިޔޭގެ އެދުންތަކާއި މަޝްއޫލުވެގެން އުޅޭއިރު، އެންމެ މުހިންމު ޙަޤީޤަތް މަތިން ހަނދާންނައްތާލެވެއެވެ. އެއީ މާތް ﷲ އަޅުގަނޑުމެންގެ ފުރާނަ ނުހިއްޕަވައި، އަދިވެސް އިތުރު ވަގުތު ދެއްވަމުންގެންދަވާ ސަބަބާމެދު ފުންކޮށް ވިސްނާލުމެވެ. މި ދިރިއުޅުމަކީ ވަގުތީ ތަނެއްކަމާއި، ކޮންމެ ނޭވާއަކީވެސް އިލާހީ ޙިކުމަތެއްގެ ދަށުން ދެއްވާ އިނާޔަތެއްކަން ދެނެގަތުން މުހިންމެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ ނިދުމާއި މަރުގެ ހުރި ގުޅުމާއި، ފުރާނަ އަނބުރާ ފޮނުއްވާ ސަބަބު ބަޔާންކުރައްވާފައެވެ. ސޫރަތުއް ޒުމަރުގެ 42 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. ﴿42﴾ اللَّهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ. މާނައީ: نفس ތައް މަރުވާހިނދު، އެ نفس ތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّه އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. (އައްޒުމަރް 42 ވަނަ އާޔަތް)

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވާ ގޮތުގައި، ކޮންމެ ދުވަހަކު ނިދިން ހޭލެވުމަކީ މާތް ﷲ ދެއްވާ ދެވަނަ ފުރުޞަތެކެވެ. މާތް ﷲ އަޅުގަނޑުމެންގެ ފުރާނަ ނުހިއްޕަވައި ލަސްކުރައްވަނީ، އަޅުގަނޑުމެން ކުރެވިފައިވާ ފާފަތަކަށް ތައުބާވެ، ހެޔޮޢަމަލުތައް އިތުރުކުރުމުގެ މަގު ތަނަވަސްކޮށްދެއްވުމަށެވެ. މިއީ އެކަލާނގެ އަޅުގަނޑުމެން ދެކެ ވެވޮޑިގަންނަވާ ރަޙްމަތުގެ ބޮޑުކަމުން ދެއްވާ ފުރުޞަތެކެވެ.

ފުރާނަ ނުހިއްޕަވާ ބެހެެއްޓެވުމުގެ އަނެއް ސަބަބަކީ އާޚިރަތް ދުވަހަށް ތައްޔާރުވުމަށްޓަކައި ކުށްތައް އިޞްލާޙުކުރުމެވެ. ދުނިޔޭގައި ދެވޭ ވަގުތަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ. މަރުގެ ވަގުތު ޖެހުމުން އެންމެ ސިކުންތެއްވެސް އިތުރެއް ނުކުރެއްވޭނެއެވެ. އެހެންކަމުން، މާތް ﷲ އަދިވެސް އަޅުގަނޑުމެންނަށް ދިރިހުރުމުގެ ތައުފީޤު ދެއްވަނީ، މާދަމާއަށް އިންތިޒާރުނުކޮށް، މިއަދު އަވަހަށް ހެޔޮމަގަށް ރުޖޫޢަވުމަށް ހަނދާންކޮށްދެއްވުމަށެވެ.

އެހެންކަމުން، ކޮންމެ ނޭވާއަކީވެސް މާތް ﷲ ގެ ޙަޟްރަތުން ދެއްވާ އަގުހުރި އަމާނާތެކެވެ. އަޅުގަނޑުމެންގެ ފުރާނަ އަދިވެސް ހިއްޕަވާފައިނުވަނީ ސަބަބެއް ނެތިގެންނެއް ނޫނެވެ. އެއީ އެކަލާނގެއާ ކުރިއަށްވުރެ ބޮޑަށް ކުއްތަންވެ، ތައުބާވެ، ޞާލިޙު އަޅެއްގެ ގޮތުގައި މަރުވުމުގެ ފުރުޞަތު އަދިވެސް އޮތީތީއެވެ. އެހެންކަމުން، މި މަތިވެރި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މާތް ﷲ އަށް ކިޔަމަންތެރިވުމުގައި އަވަސްވެގަންނަމާ ހިނގާށެވެ.

ހަވާލާ: މުފްތީ މެންކުގެ ދަރުހަކުން 2026.