އިމާރާތްކުރުމުގެ މަޝްރޫއުތައް ރައްކާތެރިކުރުމާއި، އެކަށީގެންވާ އިންޝުއަރެންސް ހައްލުތައް ހޯދުމުގެ މުހިންމުކަމާ ބެހޭގޮތުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް (ސީއައިއެފް) 2026 ގައި މައުލޫމާތު ދީފިއެވެ. ގްރޭންޑް ޕާކްސައިޑްގައި އޮތް މި ފޯރަމަކީ އިމާރާތްކުރުމުގެ ދާއިރާގެ ގިނަ އަދަދެއްގެ މާހިރުންނާއި ކަމާބެހޭ ފަރާތްތައް އެއްވެ މަޝްވަރާކުރި ފޯރަމެކެވެ.

މި ފޯރަމްގައި އެލައިޑްގެ ސޭލްސް އެސިސްޓަންޓް މެނޭޖަރު މަރިއަމް އަސްނާ ވަނީ "ސޭފްގާޑް ޔުއަ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްސް" ގެ ނަމުގައި ހާއްސަ ހުށަހެޅުމެއް ހުށަހަޅާފައެވެ. އަސްނާގެ ހުށަހެޅުމުގައި އިމާރާތްކުރުމުގެ މަޝްރޫއުތައް ކުރިއަށްދާއިރު ކުރިމަތިވެދާނެ އެކި ނުރައްކާތަކުން ރައްކާތެރިވުމަށް ރިސްކް މެނޭޖްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

އަދި މަޝްރޫއުގެ ތެރޭގައި ދިމާވެދާނެ ހާދިސާތަކާއި ގެއްލުންތަކުން ރައްކާތެރިވުމަށް އެކަށީގެންވާ އިންޝުއަރެންސް ހައްލުތައް ބޭނުންކުރުމުގެ މުހިންމުކަންވެސް އަސްނާގެ ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން އިމާރާތްކުރުމުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ބަޔާންކުރިއެވެ.

މީގެއިތުރުން، މި ފޯރަމްގެ "ރީ-އެންޖިނިއަރިން ސަޕްލައި ޗޭންސް އިން އެން އޭޖް އޮފް ގްލޯބަލް ކޮންފްލިކްޓް" ޕެނަލް މަޝްވަރާގައި އެލައިޑްގެ ކަސްޓަމާ ސާވިސް މެނޭޖަރު ހުސައިން ސަވާދު ވަނީ ބައިވެރިވެފައެވެ. މި ސެޝަނުގައި ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއެކު ސަޕްލައި ޗޭނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ކަންކަމުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ސަވާދު ބައިވެރިވި މި ޕެނަލް މަޝްވަރާގައި، ސަޕްލައި ޗޭން އިތުރަށް ހަރުދަނާކުރުމާއި، ބާޒާރަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމުގެ މުހިންމުކަމުގެ މައްޗަށް ބައިވެރިން އަލިއަޅުވާލިއެވެ. އަދި މިފަދަ ގޮންޖެހުންތަކުން ސަލާމަތްވުމަށް ދާއިރާގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ބައިވެރިންނާއެކު ބޭއްވި މި ފޯރަމްގައި އެލައިޑް އިންޝުއަރެންސްއިން ބައިވެރިވީ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައެވެ. އެލައިޑުން ބުނީ މިފަދަ މަޝްވަރާތަކުގައި ބައިވެރިވުމުގެ މަގުސަދަކީ ދާއިރާގެ ބައިވެރިންނާއެކު އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުން ކަމަށެވެ.