އެމްޕީބީ ބޭންކުގެ "އެމްޕީބީ ޕްލަސް" މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތްތައް އިފުތިތާހުކޮށްދެއްވި އިރު، އެމްޕީބީއަކީ ޓިއާ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. މި ބޭންކުގެ މައިގަނޑު އަމާޒަކީ ދިވެހި މާލީ ނިޒާމަށް އަހުލުވެރި، ޒަމާނީ އަދި އިތުބާރު ހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

މި ބޭންކުގެ ހިދުމަތްތައް ފަރުމާކޮށްފައިވަނީ ވަކިވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ކޯޕަރޭޝަންތަކަށް ރާއްޖެއާއި އިންޓަނޭޝަނަލް މައިދާނުގައި ފަހި ފުރުސަތުތައް ހޯދައިދިނުމަށެވެ. އަދި ޑިޖިޓަލް މަންސައެއްގެ ތެރެއިން ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަކީވެސް އެ ބޭންކުގެ މަގުސަދެކެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން، މިނިސްޓަރުންނާއި، މަރުކަޒީ ބޭންކުގެ ގަވަރނަރު އަހުމަދު މުނައްވަރާއި، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެ ބޭންކުގެ ހިއްސާދާރު މުހައްމަދު އަލީ ޖަނާހު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުޅުންނާއި ބޭންކުގެ ބޯޑު މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޕީބީގެ ހިދުމަތްތައް ބައްޓަންކޮށްފައިވަނީ ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން ކަސްޓަމަރުންނަށް އިސްކަންދީގެން، އިންޓަނޭޝަނަލް ގުޅުންތައް ކަށަވަރުކުރެވޭނެ ގޮތަށެވެ.