އަނބިމީހާ އަންދާލިކަން ސާބިތުވެ، ޖޯޑަންއަށް ނިސްބަތްވާ ފިރިހެނަކު ދަންޖައްސައި މަރާލައިފިއެވެ.

އިއްޔެގެ ވަގުތެއްގައި އެމީހާ ދަންޖައްސައި މަރާލިއިރު، އޭނާގެ އަނބިމީހާ ދިރިހުއްޓާ އަންދާލިކަމަށް އޭނާވަނީ އަމިއްލައަށް އެއްބަސްވެފައެވެ.

މި އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު އެ ގައުމުގެ މަތީ ކޯޓަކުން ވަނީ ގްރޭންޑް ކްރިމިނަލް ކޯޓުން އޭނާ ދަންޖައްސައި މަރަން ކުރި ހުކުމް ދަމަހައްޓާފައެވެ.

އޭނާގެ އަނބިމީހާ މަރާލާފައި ވަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭނާ އެކަން ކޮށްފައި ވަނީ ރަބަރު ޓައިރެއް އަންހެން މީހާގެ ބޮލުގައި އެޅުމަށްފަހު އޭނާގެ ގަޔަށް ތެޔޮ އަޅައިގެންނެވެ. އޭނާ ވަނީ އަނބިމީހާ ގައިގައި އަލިފާން ރޯކޮށްލާފައެވެ. އަަދި އޭނާ ވަނީ، އަނބިމީހާގެ ހަށިގަނޑު އެހެން ސަރަހައްދަކަށް އެއްލާފާއެވެ.

އަދި އޭނާ އެކަން ކޮށްފައި ވަނީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ކަމަށް ކޯޓުގައި އޭނާވަނީ އެއްބަސްވެފައެވެ.

މިޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން، އޭނާ އަނބިމީހާ މަރާލުލަށްފަހު އާއިލާ މީހަކަށް ގުޅައި، އެކަން އެންގިއެވެ. އަދި އެކަން އާއިލާ އެ މީހާ ވަނީ ވަގުތުން މަބަޑާ ޕޮލިސް ޑިޕާޓްމެންޓްގެ ސަމާލުކަމަށް ގެނެސްފައައެވެ.

މަރަށްމަރުގެ ހުކުމް އިއްވުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތެކެވެ. ނަމަވެސް އިންސާނީ ހައްގުތަކުގެ ސަބަބުން ގިނަ އިސްލާމީ ގައުމުތަކުގައި އެ ހުކުމް އެގޮތަށް ތަންފީޒެއް ނުކުރެވެއެވެ.