ރާއްޖޭގެ އެޑިއުކޭޝަން ދާއިރާއަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ކެތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އެކުލަވާލި ހާއްސަ މަޝްރޫއެއްގެ ކޮންސެޕްޓް ނޯޓު ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް ފާސްކޮށްފިއެވެ.

މި ކޮންސެޕްޓް ނޯޓު އެންޑޯޒްކޮށްފައިވަނީ ގްރީން ކްލައިމެޓް ފަންޑު (ޖީސީއެފް) އަށް މި މަޝްރޫއު ހުށަހެޅުމުގެ ކުރިން، ކޮންސެޕްޓް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމުގެ ގޮތުންނެވެ. މިކަމަށްޓަކައި ޖީސީއެފް ސެކްރެޓޭރިއަޓާއި ރާއްޖޭގެ ކަމާބެހޭ އިދާރާތައް ގުޅިގެން ހާއްސަ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.

މި މަޝްރޫއަކީ ޖީސީއެފަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާފައިވާ މައި އިދާރާ ކަމުގައިވާ އެންވަޔަރަމެންޓް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީ އަދި ޔުނިސެފް ރާއްޖެ ގުޅިގެން އެކުލަވާލާފައިވާ މަޝްރޫއެކެވެ. މީގެ އިތުރުން ކަމާގުޅޭ އެހެނިހެން އިދާރާތަކުންވެސް ވަނީ މި މަޝްރޫއު އެކުލަވާލުމުގައި ބައިވެރިވެފައެވެ.

މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ތައުލީމީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުން ރައްކާތެރިވެ، ދެމެހެއްޓެނިވި ގޮތެއްގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ ގާބިލުކަން އިތުރުކުރުމެވެ. މި މަޝްރޫއު ޖީސީއެފަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.