ކުދި ގައުމުތަކުގެ ރައްކާތެރިކަން ބިނާވެފައި އޮންނަނީ އެންމެންގެ މައްޗަށް ތަންފީޒުކުރެވޭ އިންޓަނޭޝަނަލް ގާނޫނުތަކެއްގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އިންސާނިއްޔަތު ކަމުގެ ދުވަހާ ގުޅިގެން ދެއްވި ހާއްސަ މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުން ހިމާޔަތްކުރުމުގައި މުޅި ދުނިޔެ ނުކުޅެދިފައިވާ ކަމަށެވެ. އަދި ހަނގުރާމަތަކާއި ގެދޮރު ގެއްލުމާއި މޫސުމީ ކާރިސާތަކުގެ ސަބަބުން އެހީއަށް ބޭނުންވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިހާރު އެންމެ ބޮޑަށް ހުރަސްއެޅިފައިވަނީ ގައްޒާގައި ކަމަށް ރައީސް ވިދާޅުވިއެވެ. ގައްޒާއަށް އެހީ ވެއްދުމަށް ހުރަސްއެޅުމާއި، އެހީދޭ ފަރާތްތަކަށް ހަމަލާ ދިނުމަކީ އިންޓަނޭޝަނަލް ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އަދި ނުރައްކާތެރި ބޮޑު ޖަރީމާއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުވެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި އެ ގައުމުގައި ހިނގަމުންދާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓާލުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
އިންޓަނޭޝަނަލް ގާނޫނުތަކަށް ބޯލެނބުމަށާއި، އާންމު ރައްޔިތުންނާއި އެހީދޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އިންސާނިއްޔަތުކަމާއި އަދުލުވެރިކަމުގެ އަސާސްތައް ނެގެހެއްޓުމަށް ހުރިހާ ގައުމަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
