އަލްޒައިމާސް، ޕާކިންސަންސް އަދި މޯޓާ ނިއުރޯން ޑިޒީޒް (އެމްއެންޑީ) ފަދަ ނާރުތަކަށް ޖެހޭ ނުރައްކާތެރި ބަލިތަކަށް ފަރުވާ ކުރުމަށް އާދައިގެ އެންޓިބޮޑީތައް، ސެލްތަކުގެ އެތެރޭގައި މަސައްކަތްކުރެވޭ ފަދަ ކުދި "އިންޓްރަބޮޑީސް" އަށް ބަދަލުކުރެވޭނެ އާ ގޮތެއް ޔުނިވަރސިޓީ އޮފް އެސެކްސްގެ ރީސާޗަރުން ހޯދައިފިއެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި މޮލިކިއުލްތަކުގެ ސަބަބުން، ކުރިން ފަރުވާދޭން ދަތިވެފައިވާ މިފަދަ ބަލިތަކަށް އުއްމީދީ އާ ފަރުވާތަކެއް ހޯދުމުގެ މަގުވަނީ އަލިވެފައެވެ.
އާދައިގެ އެންޓިބޮޑީތަކަކީ އާންމުކޮށް ސެލްތަކުގެ ބޭރުގައި ހުންނަ ބެކްޓީރިއާ އާއި ވައިރަސް ފަދަ ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްޗެހި ކަމަށްވާއިރު، އިންސާނާގެ ސެލްތަކުގެ އެތެރެއަށް ވަނުމުގެ ގާބިލުކަމެއް އެ އެއްޗެއްސަކަށް ނުލިބެއެވެ. ނަމަވެސް، އަލްޒައިމާސް އާއި ޕާކިންސަންސް ފަދަ ނާރުގެ ބަލިތައް ޖެހެނީ ސެލްތަކުގެ އެތެރޭގައި ނުބައިކޮށް އުފެދޭ ޕްރޮޓީންތަކެއްގެ ސަބަބުންނެވެ. އައު އިންޓްރަބޮޑީސްއަކީ ސެލްގެ ފަންކްޝަނަށް ބުރޫނާރުވާ ގޮތަށް ސެލްތަކުގެ އެތެރެއަށް ވަދެ، މި ނުރައްކާތެރި ޕްރޮޓީންތައް ނައްތާލުމުގެ ގާބިލުކަން ލިބިގެންވާ އެއްޗެހިއެކެވެ.
މި ހޯދުމުގައި އޭއައިގެ ދައުރު ވަރަށް ބޮޑެވެ. ސައިންސްވެރިން ވަނީ އޭއައި ބޭނުންކޮށްގެން އެންޓިބޮޑީތަކުގެ އޮނިގަނޑަށް ބަދަލުުގެނެސް، ސެލްގެ އެތެރޭގައި ހުންނަ ކެމިކަލް މާހައުލުގައިވެސް ހަލާކުނުވެ، ހަރަކާތްތެރިވެވޭނެ ފަދަ ގޮތަކަށް އިންޓްރަބޮޑީސް ފަރުމާކޮށްފައެވެ. މިއީ ސައިންސްގެ ދާއިރާއިން ކުރިން ކުރަން ވަރަށް އުނދަގޫވި، ނަމަވެސް އޭއައި މެދުވެރިކޮށް ނުހަނު އަވަހަށް އަދި ސާފުކޮށް ހާސިލުކުރެވުނު ބޮޑު ކުރިއެރުމެކެވެ.
މި އީޖާދުގެ ސަބަބުން ނާރުތަކުގެ ބަލިތަކުގެ އިތުރުން ހަންޓިންގްޓަންސް ޑިޒީޒް ފަދަ އެހެނިހެން ޖެނެޓިކް ބަލިތަކަށް މުޅިން އާ ތެރަޕީތަކެއް ތަރައްގީކުރުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. ސައިންސްވެރިން އުއްމީދުކުރަނީ ކުރިއަށް އޮތް ތަނުގައި މި އިންޓްރަބޮޑީސް ބޭނުންކޮށްގެން، ބަލީގެ އަލާމާތްތައް ކުޑަކުރުމުގެ ބަދަލުގައި ސެލްތަކުގެ އެތެރެއިން ބަލީގެ އަސްލު ސަބަބު ނައްތާލެވޭނެ ފަދަ ފަރުވާތަކެއް އިންސާނުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
