ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ އަޅާލުމާއި، ލޯތްބާއި، އޯގާތެރިކަމާއި އެކުވެރިކަމުގެ ގުޅުން އެންމެ ފުރިހަމައަށް ނުބޭއްވުމަކީ ދިރިއުޅުމުގެ ބަރަކާތް ކެނޑި، ރިޒުޤަށް ދަތިކަން މެދުވެރިވާ މުހިންމު ސަބަބެކެވެ. އިސްލާމްދީނުގައި ކައިވެންޏަކީ ހަމައެކަނި ދެމީހަކު އެކުގައި އުޅޭ އުޅުމެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ބާވައިލައްވާފައިވާ މާތް ޢަޤުދެކެވެ. ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން ހީނަރުވެ، ރުޅިވެރިކަމާއި ޚިޔާލުތަފާތުވުންތައް އާންމުވާނަމަ، ގޭތެރޭގެ ހަމަޖެހުން ގެއްލި، އިލާހީ ރަޙްމަތާއި ބަރަކާތް ދުރުވެގެންދެއެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ދެމަފިރިންގެ ގުޅުމުގެ މުހިންމުކަން ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. ﴿وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ﴾ (سورة الروم: 21) މާނައީ: "ތިޔަބައިމީހުން އެކެއްގެ މައްޗަށް އަރާމުލިބިގަތުމަށްޓަކައި، ތިޔަބައިމީހުންގެ ނަފްސުތަކުން، އަނބިން އުފެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާތެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރުހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."
މި އާޔަތުން އެނގެނީ ކައިވެނީގެ އަޞްލަކީ ސުލްޙައާއި، ލޯތްބާއި، އޯގާތެރިކަން ކަމެވެ.
މުފްތީ މެންކް ދެއްވާފައިވާ އިރުޝާދުތަކުގައި ފާހަގަކުރައްވާ ގޮތުގައި، ކައިވެނީގައި ދެމަފިރިން އެކަކު އަނެކަކަށް ދޭންޖެހޭ ޙައްޤުތަކާއި އިޙްތިރާމް ނުދީ، ދެމެދުގައި އޮންނަންޖެހޭ ގުޅުން ކެނޑިގެންދާނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި ދިރިއުޅުމުގެ ރިޒުޤަށް ކުރެއެވެ. ދެމަފިރިންގެ މެދުގައި އޮންނަ އަޅާލުމާއި، ޖިސްމާނީ އަދި ނަފްސާނީ ގުޅުމަކީ އަޅުކަމެއްގެ ގޮތުގައި އިސްލާމްދީނުގައި ބެލެވޭއިރު، އެ ގުޅުން އަދާނުކުރުމާއި އިހުމާލުވުމަކީ ގޭތެރެއިން ބަރަކާތް ކެނޑިގެންދާނެ ކަމެކެވެ. މުފްތީ މެންކް ބަޔާންކުރައްވާ ގޮތުގައި ރިޒުޤަކީ ހަމައެކަނި ފައިސާއެއް ނޫނެވެ. ދިރިއުޅުމުގެ ހަމަޖެހުމާއި، ހިތްހަމަޖެހުމަކީވެސް ރިޒުޤުގެ ބައެކެވެ.
ދެމަފިރިންގެ މެދުގައި އުފެދޭ ނުރަނގަޅު ގުޅުމުގެ ސަބަބުން ނަފްސާނީ ނުތަނަވަސްކަން އުފެދި، އުފެއްދުންތެރިކަމާއި މަސައްކަތަށް ބުރޫއަރައެވެ. ފިރިމީހާ ނުވަތަ އަނބިމީހާ ދިރިއުޅުމުގައި ނުވަތަ ވަޒީފާގައި ކުރާ މަސައްކަތަށް ބަރަކާތް ލިބެނީ ގޭތެރޭގައި އުފާވެރިކަމާއި ހަމަޖެހުން އޮންނަ ނަމައެވެ. ގޭތެރޭގައި އަބަދު މައްސަލަތަކާއި ޒުވާބުތައް އޮންނަނަމަ، ސިކުނޑިއަށް ލިބޭ ސުލްޙަވެރިކަން ގެއްލި، މާލީ ކަންކަމުގައިވެސް ނުބައި ނިންމުންތައް ނިންމެން މެދުވެރިވެއެވެ. މިއީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރިޒުޤަށް ދަތިކަން އަންނަ ގޮތެކެވެ.
ވީމާ، ދިރިއުޅުމުގައި ރިޒުޤުގެ ބަރަކާތް އިތުރުކުރަން އެދޭނަމަ، ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ވަރުގަދަކޮށް، އެކަކު އަނެކަކަށް މާފުކުރުމާއި، އަޅާލުމާއި، ލޯބި ދިނުން އިސްކުރަންޖެހެއެވެ. ﷲ ތަޢާލާގެ އެންގެވުންތަކާ އެއްގޮތަށް، ދެމަފިރިން އެކުގައި އަޅުކަންކޮށް، ގޭތެރޭގައި އިސްލާމީ ރޫޙު އާލާކުރުމަކީ ރިޒުޤުގެ ދޮރުތައް ހުޅުވި، ދިރިއުޅުމުގައި އުފާވެރިކަން ދެމިއޮންނާނެ ކަމެކެވެ.
ހަވާލާ: މުސްތީ މެންކުގެ ދަރުހަކުން 2025.
