ބާރުގެ ބޭނުންކޮށްގެން އަފްގާނިސްތާނުގެ ވެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަ ކުރަމުން އަންނަ އިރު، ތާލިބާނުންނާ ދެކޮޅަށް ތެދުވާ އާންމު ރައްޔިތުންގެ އަދަދު ވެސް އިތުރުވާން ފަށައިފި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސަރުކާރު ސިފައިންނާ ދެކޮޅަށް ތާލިބާނުން ދޭ ހަމަލާތައް ވަރުގަދަކުރަމުން، ބައެއް ސިޓީތަކަށް ވަންނަމުން ދާއިރު، އެ ސިޓީތަކުގެ އާންމު ރައްޔިތުންގެ ފަރާތުން ތާލިބާނުންނަށް ފެންނަމުން ދަނީ ނުރުހުމާއި ނަފްރަތެވެ. އަދި ބައެއް ސިޓީތަކުގައި އާންމުން ތާލިބާންގެ ހަނގުރާމަވެރިންނާ ދިމާލަށް އޮއްގަލާއި ދަގަނޑުބުރި ފަދަ ތަކެތި އުކާފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ތާލިބާނުންގެ ބާރުގެ ދަށަށް ދިޔަ ބައެއް ސަރަހައްދުތައް މިހާރު ވަނީ އަފްގާނިސްތާނު ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އަދި އެ ރަށްތަކުން މިހާރު އިވެމުން ދަނީ ތަކުބީރުގެ އަޑު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެގައުމުގައި ހިނގަމުންދާ ހަނގުރާމައިގައި މޯޓަރު ބަޑި އާއި ރޮކެޓާއި އަތުބޮމާއި ބޮޑުބަޑި ވެސް ބޭނުންކުރަމުން ދާތީ، އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް، އިންސާނީ ހައްގުތަކާބެހޭ ގޮފިން ވަނީ ބުނެފައެވެ. އާންމުން ތާލިބާނާއި ދެކޮޅަށް ނުކުންނަ އެއް ސަބަބީ މިއީ ކަމުގައިވެސް ބައެއް ރިޕޯޓުތަކުގައި ވެއެވެ.
