ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ފަސް ކުއްޖަކު، މިދިޔަ މަހުގެ ތެރޭގައި އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 150 ކުދިން އެބަތިބެއެވެ. އޭގެ ތެރޭގައި ހިމެނެނީ 87 ފިރިހެން ކުދިންނާއި 63 އަންހެން ކުދިންނެވެ.
އާއިލާތަކާ ހަވާލުކުރި ފަސް ކުދިންގެ ތެރެއިން ދެ ކުއްޖަކު ހަވާލުކޮށްފައިވަނީ ފޮސްޓާ ކުރާ އާއިލާތަކާއެވެ. އަދި އަނެއް ތިން ކުދިންނަކީ އެ ކުދިންގެ އަމިއްލަ އާއިލާތަކާ އަލުން ގުޅުވާލެވިފައިވާ ކުދިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް އާންމުކޮށް ނަގަނީ މައިންބަފައިންގެ ފަރާތުން އެ ކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަމާއި އަޅާލުން ނުލިބި، އިހުމާލުވާ ހާލަތްތަކުގައެވެ. މީގެ އިތުރުން، ބަލަހައްޓާނެ އެއްވެސް ފަރާތެއް ނެތުމުގެ ސަބަބުން ވެސް ބައެއް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ޖެހެއެވެ.
މި ގޮތަށް ނަގާ ކުދިން ބަލަހައްޓަމުން ގެންދަނީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ގާއިމުކޮށްފައި ހުންނަ އަމާން ވެށިތަކުގައި ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ގެންދަނީ ބަލަހައްޓަމުންނެވެ.
