ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް، ޓީޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު 7 ބިލިއަން ރުފިޔާއިން މައްޗަށް އަރައިފިއެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މި ހިނގާ އޯގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 27.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.4 ޕަސަންޓުގެ އިތުރުވުމެކެވެ. މުޅި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 7.2 ބިލިއަން ރުފިޔާއެވެ. އެއީ 6.6 ޕަސަންޓުގެ ކުރިއެރުމެކެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީންނެވެ. އެގޮތުން ޖުމްލަ ޓެކްސް އާމްދަނީގެ ގޮތުގައި 21.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު 3.5 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް އާއި އިމްޕޯޓް ޑިއުޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާވެސް ވަނީ މަތިވެފައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 5.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ ފާހަގަކޮށްލެވެއެވެ. އަދި ބޭރުގެ ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 90.1 ޕަސަންޓު މަތިވެ، 460.4 މިލިއަން ރުފިޔާއަށް އަރާފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އާމްދަނީ އިތުރުވެފައިވީ ނަމަވެސް، ދައުލަތުގެ ޖުމްލަ ހަރަދުވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދު 28.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 19.3 ޕަސަންޓުގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 24.5 ބިލިއަން ރުފިޔާ އަދި ތަރައްގީގެ މަޝްރޫއުތަކަށް 3.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.