ޑިޖިޓަލް ނިޒާމަކަށް ބަދަލުވުމަކީ ހަމައެކަނި ކަރުދާސް ފޯމުތައް އިލެކްޓްރޯނިކް ފޯމުތަކަށް ބަދަލުކުރުން ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ގެ ކަސްޓަމްސް ސަބްގްރޫޕް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ކަސްޓަމްސްގެ މަސްއޫލިއްޔަތުތަކަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ކަސްޓަމްސްގެ އުސޫލުތަކާއި ބޯޑަރު ބެލެހެއްޓުމުގެ ވަސީލަތްތައް ޒަމާނީ ކުރެވިފައިވާ ކަމަށާއި، ސަރަހައްދީ ވިޔަފާރިއަށް މަގުފަހިކޮށްދޭ ޑިޖިޓަލް ގުޅުންތަކަށް ކުރާ އިންވެސްޓްމަންޓްތައް ވެސް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ބޯދާ އުސޫލުތަކުގެ ސަބަބުން މުދާ އެތެރެކުރުން ލަސްވާނަމަ، ޒަމާނީ ބަނދަރަކުން ލިބެންޖެހޭ ފުރިހަމަ ފައިދާ ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މުއައްސަސާތައް ވަކިވެގަނެގެން މަސައްކަތް ކުރާނަމަ، ޑިޖިޓަލް ކަސްޓަމްސް ނިޒާމެއްގެ ހަގީގީ މަންފާ ނުނެގޭނެ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

"އާންމުގޮތެއްގައި ކުރިން ކަސްޓަމްސްއާމެދު ދެކެވުނީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި. ނަމަވެސް މިއަދު، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް މިއަށްވުރެ މާފުޅާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، މައިގަނޑު އަމާޒަކަށް ވާންޖެހޭނީ އުސޫލުތައް އާ ގޮތަކަށް ބައްޓަންކުރުމާއި ބޭނުންނެތް އިޖުރާއަތުތައް އުވާލުން ކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ އެކި އިދާރާތައް ގުޅުވާލުމާއި، ރާއްޖެ އަށް މުދާ އައުމުގެ ކުރިން އެ މުދަލެއްގެ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެއްސުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

މި މަހުގެ 19 އިން 20 އަށް ކުރިއަށްދާ މި ބައްދަލުވުމަކީ ގާނޫނީ ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމާއި ބޯޑަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން އިގުތިސާދުތައް ގުޅުވައިދޭ ޑިޖިޓަލް ވަސީލަތްތައް ބިނާކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ސްރީލަންކާއިން ވަނީ ބައިވެރިވެފަ އެވެ.