މަސްވެރި ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމަށް މަސްވެރިން ބާރުވެރިކުރުވުން މުހިންމު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ "އާރުވެރި މެޗިން ގްރާންޓު" އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އޭނާ ވަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހުރި ހުރަސްތަކާއި އެކަންކަމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ދެމެހެއްޓެނިވި މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިކަންކަން ހައްލުކުރުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ ފައިސާ ނުވަތަ އިންވެސްޓްމަންޓް ކަމަށް ވެސް ވިދާޅުވި އެވެ.

"އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނުން ފެށިގެން ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ވަރަށް ބޮޑެތި. މި ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން މި ދަނީ،" ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ސިނާއަތެއްގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރެވިގެން ނޫނީ މުޅި ސިނާއަތުގެ ހުރި ގޮންޖެހުންތައް ހައްލެއް ނުކުރެވޭނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަމިއްލަ ކުންފުނިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކޮށް، މި ސިނާއަތަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލެވޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.