ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަނޫރާގު ކޭޝަޕް އާއި އޭނާގެ ލޯބިވެރިޔާ ޝުބްރާ ޝެޓީގެ އުމުރުގައި 20 އަހަރުގެ ފަރަގެއް ހުރި ނަމަވެސް، އެކަމާ މެދު އުފާކުރާ ކަމަށް އޭނާ ބުނެފިއެވެ.
ޖެނިސް ސިކުއޭރާއަށް ދިން އިންޓަވިއުއެއްގައި އަނޫރާގު ވަނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 11 އަހަރު ވެފައިވާ ކަމަށް ބުނެފައެވެ. އަދި އާންމުން ދައްކާ ވާހަކަތަކާއި، ކައިވެންޏާ ގުޅޭގޮތުން ވެސް އޭނާ ވާހަކަދެއްކިއެވެ.
އަނޫރާގު ބުނީ އުމުރުގެ ފަރަގު ބޮޑުވުމުގެ ސަބަބުން ކުރިން ޝުބްރާއާ ދުރަށް ދާން ވެސް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް މިހާރު އޭނާއާ އެކު ހުންނަން ބޭނުންވާ ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށް އުމުރުން 53 އަހަރުގެ ޕްރޮޑިއުސަރު ބުންޏެވެ. އުމުރުން ދުވަސްވުމުން އަންނަ ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އަނޫރާގު ބުނީ، ކުރިން މަރުދެކެ ބިރުނުގަންނަ ކަމަށާއި ނަމަވެސް މިހާރު އޭނާ ލޯބިވާ މީހުންނަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުރެވޭނެ ފަދަ ސިއްހަތެއްގައި ހުންނަން ބޭނުންވާ ކަމަށެވެ. މި ވާހަކަތައް ހިއްސާކުރަމުން އޭނާ ވަނީ ރޮވިފައެވެ.

މި އިންޓަވިއުގައި ޝުބްރާ ބުނީ އޭނާގެ އުމުރުން 30 ގެ އަހަރުތައް ގުނަމުންދާއިރު، މީޑިއާއަށް ސިއްރުން މި ގުޅުން ކުރިއަށް ގެންދަން ކުރިން ބޭނުންވި ކަމަށެވެ. ނަމަވެސް ނޫސްވެރިޔަކު އެ މީހުންގެ ގުޅުން އާންމުކުރީ ކަމަށް އޭނާ ބުންޏެވެ. އުމުރުގެ ފަރަގު ބޮޑުވުމުން ޝުބްރާގެ މަންމަ އަނޫރާގަށް މަލާމާތްކޮށް ވާހަކަދެއްކި ނަމަވެސް، ފަހުން އާއިލާއިން އެ ގުޅުން ގަބޫލުކުރި ކަމަށް ޝުބްރާ ބުންޏެވެ. މުސްތަގުބަލާ މެދު ވިސްނާ ކަމަށް އަނޫރާގު ބުނި ނަމަވެސް، މުޖުތަމައު ދެކޭ ގޮތެއްގެ މައްޗަށް ބިނާކޮށް އޭނާގެ ލޯބީގެ ގުޅުން ބައްޓަންކުރަން ބޭނުންނުވާ ކަމަށާއި، މިހާރު ލިބިފައިވާ އުފާވެރިކަން ގެއްލެން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.
