އިންޓަނޭޝަނަލް ފެންވަރުގައި ބާއްވާ މިސް ވޯލްޑް މުބާރާތުގައި ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކުރަމުން އަންނަ މަރިޔަމް އީމާ މުހައްމަދު، އެ މުބާރާތުގެ ގަދަ ސާޅީހުން ޖާގަ ހޯދުމަށް ދިވެހިންގެ ވޯޓަށް އެދިއްޖެ އެވެ.
އުމުރުން 23 އަހަރުގެ އީމާއަށް މިސް ވޯލްޑްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިފައިވަނީ މި ހިނގާ އޮގަސްޓު މަހުގެ ތިން ވަނަ ދުވަހު އެވެ. މޮޑެލްކުރުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ އީމާ މިހާރު ހުރީ ވިއެޓްނާމުގައި ކުރިއަށްދާ 75 ވަނަ މިސް ވޯލްޑް މުބާރާތުގަ އެވެ. އޭނާއަކީ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ވެސް މަސައްކަތްކުރާ ފަރާތެކެވެ.
މި މުބާރާތުގެ ޕީޕަލްސް ޗޮއިސް އެވޯޑް ކާމިޔާބުކޮށްގެން މެނުވީ ގަދަ ސާޅީހުގެ ތެރެއަށް ވަނުމުގެ ފުރުސަތު އީމާއަށް ނުލިބޭނެ އެވެ. އީމާގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޮންމެ ވޯޓަކީ ވެސް މުޅި ގައުމު އޭނާގެ ފަހަތުގައި އޮތްކަން ސާބިތުކޮށްދޭނެ ކަމެއް ކަމަށެވެ. އަދި މި ވަގުތަކީ އޭނާއަށް އާންމުންގެ އެއްބާރުލުން އެންމެ ބޮޑަށް ބޭނުންވާ ވަގުތު ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އީމާއަށް ވޯޓުލުމަށް ދީފައިވާ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑު އަށްގަޑި ސުންމިނެޓެވެ. އޭނާއަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް، އެކަމަށް ހާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް އޮންލައިންކޮށް ވޯޓު ދެވޭނެ އެވެ.
ދުނިޔޭގެ ސްޓޭޖުގައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އީމާ ކުރަމުންދާ މަސައްކަތަށް ސަޕޯޓު ދިނުމަށް ވީހާވެސް ގިނަ ބަޔަކު ވޯޓު ދިނުމަށް ވަނީ ގޮވާލައިފަ އެވެ. މިއީ އިންޓަނޭޝަނަލް މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ.
