ބ.ކެންދޫ ކައުންސިލުން އިސްނަގައިގެން ބާއްވާ ކެންދޫ ކައުންސިލް ފުޓްބޯލް ޗެލެންޖު 2026 ގެ ޗެމްޕިއަންކަން ވިނާސްބޯއީސް އިން ހޯދައިފިއެވެ. މި މެޗުގައި ވިނާސްބޯއީސް ގެ ކީޕަރު އުސްމާނުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިއަދު ހަވީރު ކެންދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކޮށްފައިވަނީ ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވިނާސްބޯއީސް އެވެ.

މި މުބާރާތުގައި ޖުމުލަ 7 ޓީމު ވާދަކުރި އިރު މިދެޓީމު ވަނީ ގްރޫޕް ސްޓޭޖުގައިވެސް ވާދަކޮށްފައެވެ. އެ މެޗު ވަނީ ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކާމިޔާބުކޮށްފައެވެ.

މިއަދު ހަވީރު ކުޅެވުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އަކީ އެކެއް އެކަކުން ދެޓީމު އެއްވަރު ވުމެވެ. އެހެންކަމުން ނަތީޖާ ނެރުމަށްޓަކައި ވަނީ ޕެނަލްޓީ ޖަހާފައެވެ. ވިނާސްބޯއީސް އިން ޖެހި ހަތަރު ޕެނަލްޓީވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކާމިޔާބު ކުރެވުނީ 2 ޕެނަލްޓީއެވެ. މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު އުސްމާނު ވަނީ ޑައިމަންޑުގެ ފަހު ޕެނަލްޓީ މަތަކޮށް ވިނާސްބޯއީސް އަށް ޗެމްޕިއަންކަން ހޯދައިދީފައެވެ. ވިނާސްބޯއީސް ފައިނަލަށް ދަތުރުކުރީވެސް ސެމީފައިނަލްގައި ޕެނަލްޓީޖަހާ ކީޕަރު އުސްމާނުގެ މޮޅު ސޭވަކާއި އެކުގައެވެ. މިއީ ވިނާސްބޯއީސް އިން މި މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.

މި މުބާރާތުގެ ކުޅުން އަންނަ އަހަރުވެސް އޮންނާނެެެވެ. މިއީ ކެންދޫގެ ޒުވާނުންގެ މެދުގައި ފުޓުބޯޅައިގެ ހުނަރު އާލާކޮށް އެކުވެރިކަން ބަދަހިކުރުމަށް ކެންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިއަހަރު ކުޅެވިގެން މި ދިއައީ ކެންދޫ ކައުންސިލްގެ 9ވަނަ މުބާރާތެވެ.