ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި ހެނދުނު ހެނދުނާ ހޭލަން ޖެހެއެވެ. އެހެންވެ، ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ހޭލަނީ ގަޑި އެލާމުކޮށްގެންނެވެ. ނަމަވެސް، ސައިންސްވެރިން ބުނާ ގޮތުގައި ގަދަކަމުން ގަޑި އެލާމުކޮށްގެން ހޭލުމަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާ ކަމެކެވެ. މިއީ ތިމާގެ ހަށިގަނޑުގެ ގުދުރަތީ ނިޒާމާ ދެކޮޅަށް ކުރެވޭ ކަމަކަށް ވުމުން މީގެ ސަބަބުން މީހާ ނަފްސާނީ ގޮތުން ބަލިކަށިކޮށްލައެވެ.

މިކަމާ ގުޅޭގޮތުން ޔޫސީއެލްއޭގެ ނިދުމާ ބެހޭ ސިއްހީ ދިރާސާކުރާ މާހިރެއް ކަމަށްވާ ޖެރޯމް ސީގަލް އަދި އޭނާގެ ޓީމުން ވަނީ ވަރަށް ފުރިހަމަ ދިރާސާއެއް ކޮށްފައެވެ. އެ ޓީމުން ވަނީ ޓެންޒޭނިއާގެ ހަޑްޒާ، ނަމީބިއާގެ ސޭން އަދި ބޮލީވިއާގެ ޓްސިމާނޭ ގަބީލާގެ މީހުން ނިދާ ހޭލާ ގޮތް ބަލާފައެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީއާ ދުރުގައި، އިހުގެ ކާބަފައިން އުޅުނު ގޮތަށް އުޅެމުންދާ ބައެކެވެ.

ޖެރޯމް ސީގަލް ކުރި ދިރާސާއިން ހާމަވި ގޮތުގައި، އެ މީހުންނަކީ ވަކި ހާއްސަ ގަޑިއަކަށް ނިދައި ހޭލި ބައެއް ނޫނެވެ. އެމީހުންގެ ނިދުމުގެ އާދަތައް ގުޅިފައިވަނީ ދުވަހުގެ ފިނިހޫނުމިނާއެވެ. ރޭގަނޑުގެ އެންމެ ފިނިގަދަވާ ވަގުތު އެމީހުންގެ ހަށިގަނޑު ހޭލުމަށް ތައްޔާރުވެއެވެ. އެހެންކަމުން، ފަތިހު ފަހެއް ޖަހާއިރު އެލާމުކޮށްގެން ހޭލުމަކީ އިންސާނުންގެ ގުދުރަތީ ތަބީއަތުގައި ހިމެނޭ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، ތާރީހު ދިރާސާކުރާ ފަރާތެއް ކަމަށްވާ ރޮޖާ އީކާޗް ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ކާރުހާނާތައް އުފެދުމުގެ ކުރިން ޔޫރަޕުގެ މީހުން ނިދީ ދެ ބަޔަކަށް ބަހާލައިގެންނެވެ. މި ދެމެދުގައި އެމީހުން ހޭލާ ތިބެ، އެކި ކަންކަން ކޮށްފައިވެއެވެ. މިއިން އެނގެނީ އެލާމުކޮށްގެން ގަދަކަމުން ވަކި ގަޑިއަކަށް ހޭލުމަކީ އިންސާނާ އުފެދިފައިވާ ގޮތާ ބީރައްޓެހި އާދައެއް ކަމެވެ.

ގަޑި އެލާމުކުރުމުގެ އާދަ ފެށިގެން އައީ އިންޑަސްޓްރިއަލް އިންގިލާބުގެ ދުވަސްވަރުގައެވެ. ދުނިޔޭގެ އެންމެ ފުރަތަމަ މެކޭނިކަލް އެލާމް ގަޑި އުފެއްދީ 1787 ވަނަ އަހަރު ލީވައި ހަޗިންސް އެވެ. އެ ގަޑި އެލާމު ވަނީ ހަމައެކަނި ފަތިހު ހަތަރެއް ޖަހާއިރުއެވެ. ސަބަބަކީ އެއީ އޭނާ މަސައްކަތަށް ދާން އަމިއްލައަށް ހޭލަން ބޭނުންވި ގަޑި ކަމަށް ވުމެވެ. ފަހުން ކާރުހާނާތަކުގައި މީހުން ލައްވައި އެއްގަޑިއަކަށް މަސައްކަތް ކުރުވުމަށް މި އުސޫލު ބޭނުންކުރަން ފެށިއެވެ.

ނިދުމާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ މައިކަލް ބްރޫސް ބުނާ ގޮތުގައި ކޮންމެ މީހެއްގެ ހަށިގަނޑުގައިވެސް ނިދުމަށް ހާއްސަ ގުދުރަތީ ގަޑިއެއް ވެއެވެ. އޭނާ ވަނީ މީހުންގެ ނިދުމުގެ އާދަތައް އެކި ބައިތަކަށް ބަހާލާފައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާބާދީގެ އެންމެ 15 ޕަސަންޓު މީހުންނަކީ ފަތިހު ހޭލެވޭ މީހުންނެވެ. އަނެއް ބަޔަކީ ތަންކޮޅެއް ލަހުން ހޭލަން ފަސޭހަ މީހުންނެވެ.

ހަށިގަނޑު ހޭލަން ތައްޔާރުނުވަނީސް އެލާމުގެ އަޑަށް ކުއްލިއަކަށް ހޭލުމުން ދިމާވާ މައްސަލައަށް ކްރޮނޯބަޔޮލޮޖިސްޓެއް ކަމަށްވާ ޓިލް ރޯނެބާގް ދީފައިވާ ނަމަކީ "ސޯޝަލް ޖެޓްލެގް" އެވެ. މިއީ ތިމާގެ އެތެރެހަށީގެ ގަޑިއާއި ބޭރުން މަޖުބޫރުކުރާ ގަޑިއާ ދެމެދު އުފެދޭ ކުރިމަތިލުމެކެވެ. މިކަމުގެ ސަބަބުން މުޅި ދުވަހު މީހާ ވަރުބަލިކޮށްލައި، ނަފްސާނީ ގޮތުން މީހާ ބަލިކަށިކޮށްލައެވެ.

އިންސާނާގެ ހަށިގަނޑު ހޭލުމަށް ތައްޔާރުކޮށްދެނީ ކޯޓިސޯލް ނަމަކަށް ކިޔާ ހޯމޯނަކުންނެވެ. ތިމާގެ ގުދުރަތީ ނިދުމުގެ ސައިކަލް ނިމުމަކަށް އަންނަ ވަގުތު މި ހޯމޯންގެ މިންވަރު މައްޗަށް ގޮސް މީހާ ހޭލައްވާލައެވެ. ގަދަކަމުން އެލާމުކޮށްގެން ހޭލުމުން ސްޓްރެސް އިތުރުވެ، މޫޑު ގޯސްވެއެވެ. އެހެންކަމުން، ގަޑި އެލާމުކޮށްގެން ހޭލުމުގެ ބަދަލުގައި، އެންމެ ރަނގަޅު ގޮތަކީ ތިމާގެ ހަށިގަނޑުގެ ގުދުރަތީ ނިޒާމާ އެއްގޮތަށް ނިދައި ހޭލުމެވެ.