މިޔުޒިކީ ދުނިޔޭގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ރިހާނާ އަކީ މިވަގުތު މިޔުޒިކްގެ ދާއިރާގައި ހުރި އެންމެ މުއްސަނދި އަންހެންމީހާ ކަމަށް ފޯރބްސް އިން ކަނޑައަޅައިފިއެވެ. ރިހާނާގެ އަތުގައި ގާތްގަނޑަކަށް 1.7 ބިލިއަން ޑޮލަރ ހުންނާނެ ކަމަށްވެސް ފޯރބްސް އިން ވަނީ ލަފާކޮށްފައެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާވަނީ ރިހާނާ އުފައްދާފައިވާ 'ފެންޓީ ބިޔުޓީ' ގެ ކޮސްމެޓިކްސް އަދި ރީތިވާ އެއްޗެހި އުފައްދާ ކުންފުންޏަށެވެ. އަދި ބާކީ އާމްދަނީ އަކީ މިޔުޒިކްގެ ދާއިރާއިން ހޯދާފައިވާ ލާރި ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ރިހާނާ އަކީ ދެކުނު އެމެރިކާގެ ގައުމަކަށް އުފަން މީހެކެވެ. އާމްދަނީ ހޯދުމަށް ކުޑައިރު ރިހާނާ ވަނީ އޭނާގެ ބައްޕައާއި އެކު އަންނައުނު ވިއްކާ ފިހާރައެއްގައި މަސައްކަތްކޮށްފައެވެ. އުމުރުން 14 އަހަރުގައި އޭނާގެ މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅުމަށްފަހު ރިހާނާ ބޭނުންވީ އޭނާގެ ކިޔެވުން ފުރިހަމަކޮށް ކާމިޔާބު މީހަކަށްވާށެވެ. ރިހާނާގެ މިޔުޒިކް ކެރިއަރ ފެށުމަށް މަގުފަހިވެގެންދިޔަ މައިގަނޑު އެއް ކަމަކީ ޕްރައިމެރީ ސްކޫލް ނިންމާލުމަށްފަހު އޭނާ އަސްކަރީ ތަމްރީނުތައް ދަސްކޮށްދިނުމަށް ބޭއްވުނު ކެޑޭޓް ޕްރޮގްރާމެއްގައި ބައިވެރިވުމެވެ. މި ޕްރޮގަރާމުގައި އޭނާގެ ޑްރިލް ސަރޖަންޓްއަކަށް ހުރީ އެ ގައުމުގެ މޮޅު ލަވަކިޔުންތެރިއެއް ކަމަށްވާ 'ޝޮނަޓެލް' އެވެ.
'ފެންޓީ ބިޔުޓީ' ގެ އިތުރުން ރިހާނާ ވަނީ ކޮސްމެޓިކްސް އަދި މޭކަޕްގެ އިތުރު ޕްރޮޑަކްޓް ލައިންތަކެއް ވެސް ލޯންޗްކޮށްފައެވެ. އޭގެ ތެރޭގައި 'ސެވޭޖް އެކްސް ފެންޓީ' އަދި 'ފެންޓީ ސްކިން' ވެސް ހިމެނެއެވެ. ރިހާނާ އަކީ ގިނަ ބައެއްގެ މެދުގައި ފެޝަން އައިކޮން އެއްގެ ގޮތުގައި ވެސް ބަލައިގަންނަ ފަންނާނެކެވެ.
