މިސް ޔުނިވާސް ތައިލެންޑް 2026 މުބާރާތުގެ ގައުމީ ހެދުން ދައްކާލުމުގެ ބައިން މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ހޯދާފައެވެ. "ފުރުޓްސް އެންޑް ފުޑް" ތައިލެންޑް ސޮފްޓް ޕަވާ ގެ ތީމަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ބައިވެރިން ވަނީ އެ ގައުމުގެ މަޝްހޫރު ކާތަކެއްޗާއި މޭވާތަކުން އިންސްޕަޔާވެގެން ތައްޔާރުކޮށްފައިވާ އާދަޔާ ހިލާފު ހެދުންތަކެއް ދައްކާލާފައެވެ.
މި މުބާރާތުގައި ތައިލެންޑުގެ 77 ޕްރޮވިންސެއް ތަމްސީލުކުރާ 77 ބައިވެރިން ވަނީ މި ހާއްސަ ބައިގައި ވާދަކޮށްފައެވެ. އާންމުކޮށް ރީތީގެ މުބާރާތްތަކުން ފެންނަ ވިދާ ހެދުންތަކުގެ ބަދަލުގައި، މި ފަހަރު ފެނިގެންދިޔައީ ކޮންމެ ޕްރޮވިންސަކަށް ހާއްސަ ކާތަކެތީގެ ސަގާފަތް ދައްކުވައިދޭ ފުރިހަމަ ފަންނުވެރިކަމެކެވެ. މިއާއެކު މުޅި ސްޓޭޖު މަތި ފެނިގެންދިޔައީ ކާތަކެތީގެ މާކެޓެއް ފަދަ ކުލަގަދަ މަންޒަރެއްގެ ގޮތުގައެވެ.
އެންމެ ބޮޑަށް ލޮލުގައި އަޅައިގަތް ހެދުންތަކުގެ ތެރޭގައި މަޝްހޫރު ޕަޑް ތައި އާއި، މެންގޯ ސްޓިކީ ރައިސްގެ އިތުރުން ފިހުނު ކުކުޅު ފަދަ ކާތަކެތިން ފަރުމާކޮށްފައިވާ ހެދުންތައް ހިމެނެއެވެ. އަދި ބޮޑު ޑިނގާއެއްގެ ސިފައިގައި ހުރި ހެދުމަކާއި، ކާށި އަރުވާފައި ހުރި ކުޑަ ބޯޓެއްގައި ސްޓޭޖަށް އެރި ބައިވެރިއެއްވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދިއެވެ.

މި މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނީ، މި ތީމްގެ މައިގަނޑު މަގުސަދަކީ ތައިލެންޑުގެ މުއްސަނދި ކާތަކެތީގެ ސަގާފަތް ދުނިޔެއަށް ދައްކާލައި، އެ ގައުމުގެ ނުފޫޒު ނުވަތަ ސޮފްޓް ޕަވާ އިންޓަނޭޝަނަލް މައިދާނުގައި ކުރިއެރުވުން ކަމަށެވެ. މިއީ ތައިލެންޑަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައިވެސް އެ ގައުމުގެ ކާތަކެތި އިތުރަށް އިޝްތިހާރުވެގެންދާނެ ކަމެއް ކަމަށް ވެސް އެ ފަރާތްތަކުން ބުންޏެވެ.
މި ބައިގައި ބައިވެރިން ހޯދާ މާކްސް، މުބާރާތުގެ ފައިނަލް ނަތީޖާއަށް ގުނާނެއެވެ. މި މަހުގެ 23 ވަނަ ދުވަހު އޮންނަ ފައިނަލް ޝޯގައި އެއްވަނަ ހޯދައި ތާޖު ހާސިލުކުރާ ބައިވެރިއަކު، ޕުއެރްޓޯ ރީކޯގައި އޮންނަ 75 ވަނަ މިސް ޔުނިވާސް މުބާރާތުގައި ތައިލެންޑް ތަމްސީލުކުރާނެއެވެ.

މިއަހަރުގެ މިސް ޔުނިވާސް ތައިލެންޑް މުބާރާތުން ސާބިތުކޮށްދިނީ ފެޝަނާއި ކާތަކެތި ވަރަށް ފުރިހަމައަށް ގުޅުވާލެވިދާނެ ކަމެވެ. މިއީ ހަމައެކަނި ސަގާފަތް ދިރުވުމުގެ އިތުރުން، ތައިލެންޑް ރައްޔިތުންގެ އުފެއްދުންތެރިކަން މުޅި ދުނިޔެއަށް ހާމަކޮށްދިން ވަރަށް ފުރިހަމަ އަދި ތަފާތު ހަރަކާތެކެވެ.
