އިންގްލެންޑާއި ޕާކިސްތާން ބައްދަލުކުރި ކްރިކެޓް ޓެސްޓް މެޗުގެ ކުރިން ޕާކިސްތާނުގެ ގައުމީ ސަލާމް ކިޔުމަށްޓަކައި އިނގިރޭސި ލަވަކިޔުންތެރިޔާ ލޯރާ ރައިޓް ހަ މަސް ދުވަސް ވަންދެން އުރުދޫ ބަސް ދަސްކޮށްފިއެވެ. ހެޑިންލީގައި ކުޅުނު މި ކްރިކެޓް މެޗުގެ ކުރިން އޭނާ ވަނީ ވަރަށް ފުރިހަމައަށް އުރުދޫ ބަހުން ޕާކިސްތާނުގެ ގައުމީ ސަލާމް ކިޔައިދީފައެވެ.
ލޯރާގެ މި ހުށަހެޅުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި މީހުން އެކި ގޮތަށް ހިޔާލުފާޅުކޮށްފައިވާއިރު، އޭނާ ވަނީ މި ލަވަ ރަނގަޅަށް ކިޔުމަށް ވަރަށް ބޮޑު މަސައްކަތެއް ކޮށްފައެވެ. ދުނިޔޭގެ އެކި ހަފުލާތަކުގައި ގައުމީ ސަލާމް ކިޔުމަށް މަޝްހޫރުވެފައިވާ ލޯރާ ވަނީ މީގެ ކުރިން 2025 ވަނަ އަހަރު އިންޑިއާ އަދި އިންގްލެންޑް ބައްދަލުކުރި ކްރިކެޓް ޓެސްޓް ސީރީޒްގައި އިންޑިއާގެ ގައުމީ ސަލާމް ބެންގޯލީ ބަހުން ވެސް ކިޔައިދީފައެވެ.
މިކަމާ ގުޅޭގޮތުން ނޫހަކަށް މައުލޫމާތު ދެމުން ލޯރާ ބުނީ، ކޮންމެ ގައުމެއްގެ ގައުމީ ސަލާމެއް ކިޔަން ފުރުސަތު ލިބުނު ކަމުގައި ވިޔަސް އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އިންޑިއާ އާއި ޕާކިސްތާނުގެ ގައުމީ ސަލާމަކީ ކިޔަން ވަރަށް އުނދަގޫ ދެ ލަވަ ކަމަށާއި، އެ ލަވަތައް ކިޔަން އެއްބަސްވަނީ އެކަން އެންމެ ފުރިހަމައަށް ކުރެވޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
