އިންޑިއާގެ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މަޝްހޫރު އެކްޓަރު ސައުކާރު ޖާނަކީ އުމުރުން 94 އަހަރުގައި މަރުވެއްޖެ އެވެ. އޭނާ މަރުވެފައިވަނީ އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކަކަށް ޗެންނާއީގެ ކައުވެރީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ސައުކާރު ޖާނަކީ ވަނީ އޭނާގެ ފިލްމީ ހަޔާތުގައި 400 އަށް ވުރެ ގިނަ ފިލްމު ކުޅެފަ އެވެ. އޭގެ ތެރޭގައި ތަމަޅަ، ތެލުގޫ، ކަންނަޑާ އަދި ހިންދީ ފިލްމުތައް ހިމެނެ އެވެ. ފިލްމީ ދާއިރާއަށް އޭނާ ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އިންޑިއާ ސަރުކާރުން 2022 ވަނަ އަހަރު ވަނީ އޭނާއަށް 'ޕަދްމާ ޝްރީ' އެވޯޑު ވެސް ދީފަ އެވެ.

އޭނާ މަރުވިކަން ކަށަވަރުކޮށްދީފައިވަނީ ނަޑިގަރް ސަންގަމްގެ ރައީސް ނައްސަރު އެވެ. ނައްސަރު ނެރުނު ބަޔާނެއްގައި ބުނީ ސައުކާރު ޖާނަކީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށްޓަކައި، އޭނާގެ ހަށިގަނޑު ހަވީރު ތޭނަމްޕެޓްގައި ބާއްވާނެ ކަމަށެވެ. އަދި އޭނާގެ މަރަކީ އިންޑިއާގެ ފިލްމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް ގިނަ ފަންނާނުން ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.
