ތިލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު އަޅާ ބައިގެ އެންމެ ފަހު ސެގްމެންޓު ލޯންޗުކޮށް، އެ ދެ ރަށް އެއްގަމު މަގުން މިއަދު ގުޅާލައިފި އެވެ. މިއީ މާލެ ސަރަހައްދުގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިއަށްގެންދާ މި މަސައްކަތުގައި، ވިލިމާލެ އާއި މާލެ ގުޅުވައިދޭ މައި އޮނިގަނޑުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ. އެފްކޮންސްއިން ބުނި ގޮތުގައި، ބުރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި ލައިޓު ހަރުކުރުން ފަދަ ފިނިޝިން މަސައްކަތްތައް އެއްކޮށް ނިންމާލުމަށް ފަހު އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މި މަޝްރޫއު އަވަސްކުރުމަށްޓަކައި އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ބުރިޖުގެ މަސައްކަތްތައް އެއްކޮށް ނިންމުމެވެ.
ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެ އެވެ. ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި، މި ރަށްތައް ހައިވޭތަކުން ގުޅާލާއިރު، މިހާރު ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ހެދުމާއި ތިލަފުށީގައި ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް ވެސް އަންނަނީ ބާރަށް ކުރިއަށްދަމުންނެވެ.
މުޅި މި ބިޔަ މަޝްރޫއަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެ އެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އިތުރުން ދިވެހި ސަރުކާރުގެ ބައިވެރިވުން ހިމެނޭހެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ވެސް ވަރަށް މުހިންމު މަޝްރޫއެކެވެ.
