ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓެއް ބަހައްޓައިގެން ފެން އުފެއްދުމުގެ ބޮޑު މަޝްރޫއެއް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ތައްޔާރުވާން ފަށައިފިއެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ފެން އުފައްދަން ފަށާ ފުރަތަމަ ފަހަރެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެންނެވެ. އެ ގައުމުގައި މިހާރުވެސް މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާތީ، އެމްޑަބްލިޔުއެސްސީގެ ޓެކްނިކަލް ޓީމެއް ނޯވޭއަށް ގޮސް ތަޖުރިބާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދަނީ މިކަމަށް ދާނެ ހަރަދު ބެލުމުގެ މަސައްކަތެވެ. އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، މިއީ ރާއްޖެ ފަދަ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ،

"އެންމެ ފުރަތަމަ މި ހަދަނީ ފައިނޭންޝަލް ފީސިބިލިޓީ، ކިހާ ބޮޑު އިންވެސްޓުމަންޓެއްތޯ ދާނީ. މީގައި އެބަހުރި ވަރަށް ބޮޑު އެޑްވާންޓޭޖް ތަކެއް. އެނަޖީ އެފިޝިއަންޓުވުމާއި ރިޖެކްޓު ވޯޓާ ކަނޑަށް ދޫކޮށްލަން ފަސޭހަވުމާއި، އޭގެ އިތުރުން 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފުލޮނެއް. ބޯހޯލުން ނަގާ ލޮނަށްވުރެ މާ ސާފުތާހިރުވާނެ،" ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ފަހުމީ ވިދާޅުވިއެވެ.

ކަނޑުގެ އެހާ ފުންމިނުގައި ފެނުގެ ޕްރެޝަރު މަތިވުމުގެ ސަބަބުން، މަސައްކަތުގެ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ފަހުމީ ލަފާކުރެއްވިއެވެ. . މިއީ މާލެ ސަރަހައްދަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ދާއިމީ އަދި ޒަމާނީ ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް އެ ކުންފުނިން ދެކެއެވެ.

މި ބޮޑު މަޝްރޫއުގެ އިތުރުން، ތިލަމާލެ ބުރިޖު މެދުވެރިކޮށް މާލެ އާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި ހޮޅި އެޅުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ނިންމާފައެވެ.