މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.3 މިލިއަން ފަހަނައަޅައިފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޖުމްލަ 1،379،151 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، މި ލިސްޓުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެކަނިވެސް ޗައިނާއިން 250،437 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިއަހަރު ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ 18.5 ޕަސަންޓެވެ.

ޗައިނާގެ އިތުރުން ދެން އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން 198،748 މީހުން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 105،785 މީހުން ވަނީ އައިސްފައެވެ. އަދި އިޓަލީ އާއި ޖަރުމަނަކީ ވެސް ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ ގައުމުތަކުގެ ގަދަ ފަހެއްގައި ހިމެނޭ ދެ ގައުމެވެ.

ރާއްޖެއަށް އަންނަ މީހުންގެ ތެރެއިން އެންމެ ގިނަ މީހުން އެތެރެވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި ރާއްޖެ އައި މީހުންގެ ތެރެއިން 992،462 ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 300،469 މީހުން ޗުއްޓީ ހޭދަކުރިއިރު، ހޮޓެލްތަކުގައި 32،019 މީހުން ވަނީ މަޑުކޮށްފައެވެ.

މިވަގުތު ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 1،318 ތަނެއް ދަނީ ހިންގަމުންނެވެ. މި ތަންތަނުގައި ޓޫރިޒަމްގެ ބޭނުމަށް ޖުމްލަ 68،472 އެނދު ހުރި ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.