އިންޑިއާގެ ސްކޫލެއްގައި ހޯމްވޯކް ނުހަދައިގެން ޓީޗަރަކު ޖެހުމުގެ ސަބަބުން ހަ އަހަރުގެ ކުއްޖަކު ކްލާސްރޫމް ތެރެއަށް ވެއްޓި މަރުވެއްޖެ އެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ވިސާކަޕަޓްނަމްގައި ހުންނަ ލިޓްލް ގާޑަން ސްކޫލުގައެވެ. މަރުވެފައިވަނީ އެ ސްކޫލުގައި ކިޔަވަމުންދިޔަ ޕްރަނޭ ތޭޖާ ނަމަކަށް ކިޔާ ކުއްޖެކެވެ.

މި ހާދިސާ ހިނގި ވަގުތު ކްލާސްރޫމްގައި ހުރި ސީސީޓީވީ ކެމެރާއަށް ވަނީ ރެކޯޑުވެފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި، ޓީޗަރު އެ ކުއްޖާއާ ދިމާއަށް އެއްޗެހި ކިޔުމަށްފަހު ކުއްޖާގެ މޫނުމަތީގައި ޖަހައެވެ. އަދި އޭގެ ކުޑަ ސިކުންތުކޮޅެއް ފަހުން ކުއްޖާ ގޮސް ޓީޗަރުގެ އުނގުމައްޗަށް ވެއްޓޭ މަންޒަރު ފެނެއެވެ. ކުއްޖާ ވެއްޓުމާއެކު ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ކަމާ ގުޅިގެން ކުއްޖާގެ އާއިލާއިން ވަނީ ސްކޫލް ދޮށަށް އެއްވެ މުޒާހަރާކޮށްފައެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި ކުއްޖާ މަރުވީ ޓީޗަރު ޖެހުމުގެ ސަބަބުން ލިބުނު ބިރުވެރިކަމާއި އަނިޔާގެ ސަބަބުންނެވެ. އިންޑިއާގެ ފުލުހުން މިހާރު މި މައްސަލަ ތަހުގީގުކުރަމުން އަންނައިރު، ފުލުހުން ބުނީ ކުއްޖާ މަރުވި އަސްލު ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ރިޕޯޓު ލިބުމުން ކަމަށެވެ. އަދި މި މައްސަލައިގައި ސްކޫލާއި ޓީޗަރާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުންޏެވެ.