މެލޭޝިއާއިން މައްކާއަށް ފަތާފައި ދާންއުޅުނު އުމުރުން 28 އަހަރުގެ މެލޭޝިއާ މީހަކު ސަލާމަތްކޮށްފިއެވެ. އެ މީހާ ސަލާމަތްކޮށްފައި ވަނީ 7000 ކިލޯ މީޓަރަށް ފެތިފަހުން މެލޭޝިއާ ފުލުހުންނެވެ.
އޭނާ ސަލާމަތް ކުރުމަށްފަހު ވަނީ ނަފްސާނީ ހޮސްޕިޓަލަކަށް ފަރުވާއަށް ގެންގޮސްފައެވެ.
އެ ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތަައް މެލޭޝިއާގެ އެކި މީޑިއާ ފްލެޓްފޯމްތަކުގައި ވަނީ އާންމުވެފައެވެ.
ފުލުހުން ބުނެފައި ވަނީ، އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ހައްޔަރުކޮށްފައިވާ ކަމަަށާއި، އޭނާ ހައްޔަރުކޮށްފައި ވަނީ މައްކާއަށް ފަތާފައި ދާން އުޅުމުން ކަމަށެވެ. އެއީ ގާނޫނުތަކާއި ހިލާފުކަމެއްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އޭނާ ފަތާފައި ސައުދި އަރަބިއްޔާއަށް ދާން ބޭނުންވާ ސަބަބު އަދި ސާފުނުވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މީގެ ކުރިންވެސް އޭނާ އެފަދަ ކަމެއް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ މީހާއަކީ މަސްތުހާލަތުގައި ހުރި މީހެއްތޯ ބެލުމަށް ހެދި ޓެސްޓުތަކުން އޭނާ މަސްތުވެފައިވާ ކަމަކަށް ނުދައްކައެވެ.
އޭނާ އެންމެ ފުރަތަމަ ފަތާފައި ކުރަން އުޅުނު ދަތުރާއި ގުޅިގެން ފުލުހުން އޭނާ ނަފްސާނީ ހޮސްޕިޓަލަށް ގެންދިިޔައިރު، އޭނާގެ ސިކުނޑީގެ މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އޭނާގެ މައިންބަފައިން ބުނާގޮތުގައި، އޭނާއަށް ދަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ދޭ ފަރުވާތައް، އެގައުމުގެ ނޭޝަނަލް އެންޓި-ޑްރަގް އެޖެންސީ މެދުވެރިކޮށް ދެމުންނެވެ.
