މެކްސިކޯގެ ކަނޑުގެ ސަރަހައްދަށް މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ދޯނި އަޑިއަށް ގޮސްގެން ރިޕޯޓުކުރި ދެ މަސްވެރިއަކު، ކާނާއާއި ފެނާ ނުލައި ފަސް ދުވަސް ވަންދެން މަސް އަޅާ ބޮޑު ކޫލަރެއްގެ ތެރޭގައި ތިއްބާ ފެނިއްޖެ އެވެ.

މި ހާދިސާގައި ސަލާމަތްވެފައި ވަނީ އުމުރުން 35 އަހަރާއި 54 އަހަރުގެ ދެ މަސްވެރިންނެވެ. މެކްސިކޯގެ ކަނޑުގެ ސިފައިންނަށް މި ދެ މީހުން ފެނިފައި ވަނީ އެ ގައުމުގެ ޗިއާޕާސް ސަރަހައްދުގެ އައްސޭރިފަށާ 150 މޭލު ބޭރުން ކަނޑުމަތީގައި އޮޔާދަނިކޮށެވެ.

އެ މީހުން ދަތުރުކުރި ދޯނި އަޑިއަށް ގޮސްފައިވާކަމަށް ބެލެވޭއިރު، އެ މީހުން ފުރާނަ ސަލާމަތްކުރީ ދޯނީގައި ހުރި މަސް އަޅާ ބޮޑު ކޫލަރެއްގެ ތެރެއަށް އެރިގެންނެވެ. އޮގަސްޓު މަހުގެ 14 ވަނަ ދުވަހު އެ މީހުންނާ ގުޅުން ކެނޑުމުން، ހޯދުމުގެ މަސައްކަތް ފެށީ ކަނޑުގެ ސިފައިންގެ ހެލިކޮޕްޓަރުތަކާއި ބޯޓުތައް ބޭނުންކޮށްގެންނެވެ.

ސަލާމަތްވި އެއް މަސްވެރިޔަކު ބުނީ "އަހަރެމެން ދިރިތިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް. ދެން ކުރެވުނުހާ ވެސް ކަމަކީ الله އަށް ދުއާކުރުމާއި ސިފައިންގެ އެހީތެރިކަމަށް އިންތިޒާރުކުރުން." ކަމަށެވެ.

އެ މީހުން ބުނި ގޮތުގައި އެ ފަސް ދުވަހަކީ ހަޔާތުގައި ވެސް ކުރިމަތިވި އެންމެ އުނދަގޫ އަދި ބިރުވެރި ތަޖުރިބާ އެވެ. އަދި އެފަދަ ހާލަތެއް އެންމެ ބޮޑު ހަތުރަކަށް ވެސް ކުރިމަތިވާން ނޭދޭ ކަމަށް އެ މީހުން ބުންޏެވެ. ފެނާއި ކާނާ ނެތި ފަސް ދުވަސް ހޭދަކުރުމަކީ އިންސާނަކަށް ކެތްކުރަން ވަރަށް ދަތި ކަމެއް ކަމަށް މާހިރުން ވެސް ފާހަގަކުރެ އެވެ.

މިހާރު އެ ދެ މަސްވެރިންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އެ މީހުންގެ އާއިލާއާ ވަނީ ހަވާލުކޮށްފަ އެވެ. މެކްސިކޯގެ ސިފައިން ކުރި މި ކާމިޔާބު މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.