މެލޭޝިއާގެ މިސްކިތެއްގެ ހިނަވާގޭގައި ޒިނޭކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ކޮންމެ މީހަކު ފަސްހާސް ރިންގިޓުން ޖޫރިމަނާކޮށްފިއެވެ.

މެލަކާ ޝަރީއާ ހައި ކޯޓުން މި ހުކުމް އިއްވާފައިވަނީ އުމުރުން 48 އަހަރުގެ ފިރިހެނަކާއި 51 އަހަރުގެ އަންހެނެއްގެ މައްޗަށެވެ. އެ ފިރިހެން މީހާއަކީ ކުރިން އެ މިސްކިތުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އަދި އަންހެން މީހާއަކީ އެތަނުގައި ސާފުކުރަން އުޅޭ މީހެކެވެ.

ކޯޓުގައި މި ދެ މީހުން ވަނީ އެ ކުށަށް އިއުތިރާފުވެފައެވެ. އެ މީހުން ޒިނޭކޮށްފައިވަނީ ކެމްޕަންގް ބުކިޓް ޕިއާޓޫގައި ހުންނަ އަލް-އިބާދާ މިސްކިތުގެ ހިނަވާގޭގައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ދެ މީހުން ވަނީ އެއް ފަހަރަށް ވުރެ ގިނައިން އެތަނުގައި އެ ކުށް ކޮށްފައެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރު މާވާރްދީ ޗޭ މަން ވިދާޅުވީ "އެ ފާފަ ކުރަން ތިބި ވަގުތު މަރުނުވިކަން އެއީ ތި ދެ މީހުންގެ ނަސީބް.. އެހެން ނޫން ނަމަ، އެ ވަގުތު ތި ދެ މީހުންގެ ފުރާނަ ދިޔަ ނަމަ، ވަގުތުން އެ ތަނުގައި ތި ދެ މީހުން ހިނަވަން ޖެހުނީސް،" ކަމަށެވެ.

ފަނޑިޔާރު އިތުރަށް ވިދާޅުވި ގޮތުގައި އެ ތަނަކީ މަރުވެފައިވާ މީހުން ވަޅުލުމުގެ ކުރިން އެންމެ ފަހުގެ ސާފުތާހިރުކަން ހޯދައިދޭ މުގައްދަސް ތަނެކެވެ. އެފަދަ ތަނެއްގައި މިފަދަ ބޮޑު ފާފައެއް ކުރުމަކީ ވަރަށް ނުރައްކާތެރި އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.