ޕްލާސްޓިކް ކޮތަޅުން ނަގަމުން އައި ފީއަށް ލުއި ލިބޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ މި ހިނގާ އޮގަސްޓު މަހުގެ 17 ވަނަ ދުވަހުއެވެ.

މި ބިލުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ދޫކުރާ ޕްލާސްޓިކް ކޮތަޅުން ނަގާ ދެ ރުފިޔާގެ ފީއަށް ގެނައި ބަދަލެވެ. އެގޮތުން 50 ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ހިމެނޭ ބޮނޑި ގަންނަ ނަމަ އެ ފީ ނެގުން ވަނީ އިސްތިސްނާކޮށްފައެވެ. މީގެ ސަބަބުން ކޮތަޅު ބޮނޑިން ކުރިން އާންމުންގެ އަތުން ނެގުނު ޑަބަލް ޓެކްސް އެއްކޮށް ހުއްޓިގެންދާނެއެވެ.

މީގެ އިތުރުން ކުނި މެނޭޖުކުރާ ނިޒާމުތައް ގާއިމުކުރުމާއި، އެ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ގާނޫނު ތަންފީޒުކުރުމުގައި އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ފަދަ އިދާރާތަކުގެ މަސްއޫލިއްޔަތުތައް ވެސް އިތުރަށް ސާފުކޮށްދީފައިވެއެވެ.

މި ބިލު ތަސްދީގުކުރެއްވުމާއެކު، ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް އަދި އަލަށް ހަދަންޖެހޭ ގަވާއިދުތައް 30 ދުވަހުގެ ތެރޭގައި ހަދައި ނިންމަން ޖެހެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ ގަވާއިދުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށް ވެސް ވަނީ ލާޒިމުކޮށްފައެވެ.

ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާ ކަމެއްގެ ގޮތުގައި މި ބިލުގައި ކަނޑައަޅާފައިވެއެވެ. މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ގާނޫނު ތަންފީޒުކުރުމުގައި ކަމާބެހޭ ފަރާތްތަކަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.