ރާއްޖޭގައި ކުރިން ރައީސްކަން ކުރެއްވި ތިން ބޭފުޅަކު ބޭނުންކުރެއްވި މޭޒެއް ނީލަމުގައި ވިއްކާލިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފިއެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ މޭޒަކީ އެއްވެސް އިރެއްގައި ރާއްޖޭގެ އެއްވެސް ރައީސަކު ބޭނުންކުރެއްވި މޭޒެއް ނޫން ކަމަށެވެ. އަދި ރައީސް އޮފީހުން ނީލަމަށް ލާފައިވާ މޭޒަކީ ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ މޭޒެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ދައުލަތުގެ މުދާ ނީލަމަށް ލުމުގައި އަމަލުކުރާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތަށް އެ މޭޒު ނީލަމަށް ލާފައިވާއިރު، އެފަދަ ފަރުނީޗަރެއްގައި ދައުލަތުގެ ނިޝާން ހުރިނަމަ ނީލަމަށް ލުމުގެ ކުރިން އެ ނިޝާން ނަގާނެކަމަށް ތަރުޖަމާނު ފާހަގަކުރިއެވެ. އެހެންނަމަވެސް، މީޑިއާގައި ފަތުރަމުންދަނީ ފޮޓޯގެ އަސްލަށް ބަދަލުގެނެސް، އެއީ ރަސްމީ މޭޒެއްކަމަށް ދެއްކުމަށް ހަދާފައިވާ ފޮޓޯތަކެއް ކަމަށް އޭނާ ބުންޏެވެ.
އެހެންކަމުން، މިފަދަ ހަބަރުތައް ފެތުރުމުގެ ކުރިން ކަމާބެހޭ ރަސްމީ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އާންމުންނަށް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށްވެސް ވަނީ އެދިފައެވެ.
