ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ ގޮތުން، އެމްޕީއެލް އާއި އެ ރަށު ކައުންސިލާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގު އެވެ. އަދި އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރީ ކައުންސިލުގެ ރައީސް އަސަދުއްލާ މުހައްމަދު އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާނީ ކުޑަ މެރީނާއެކެވެ. އެގޮތުން ފުރަތަމަ ފިޔަވަހި ނިމޭއިރު އެތަނުގައި 18 ޔޮޓަށް އެއްފަހަރާ ހިދުމަތް ދެވޭނެ ޖާގަ އޮންނާނެ ކަމަށް އެމްޕީއެލް އިން މައުލޫމާތު ދެއެވެ.

އުލިގަމަކީ ކުރީއްސުރެ ރާއްޖެ އަންނަ ބޭރުގެ ގިނަ ޔޮޓުތަކެއް ބަނދަރުކުރާ އަދި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ރަށެކެވެ. ޓޫރިޒަމްގެ ޕީކް ދުވަސްވަރު ގިނަ އަދަދެއްގެ ޔޮޓު އެ ރަށަށް އަންނައިރު، މި މެރީނާގެ ސަބަބުން ރަށުގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ޝަފީގު ބުނީ، މެރީނާގެ މަސައްކަތް ފަށަނީ ކުޑަކޮށް ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި މަޝްރޫއު އިތުރަށް ބޮޑުކުރާނެ ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އެ މެރީނާއަކީ ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދުން ކަމަށް އޭނާ ބުންޏެވެ.

އުލިގަމު ކައުންސިލުގެ ރައީސް އަސަދުއްލާ ވިދާޅުވި ގޮތުގައި، ގިނަ އަދަދެއްގެ ޔޮޓުތައް އެ ރަށަށް އައި ނަމަވެސް، އެ އުޅަނދުތަކަށް ބޭނުންވާ ހިދުމަތްތައް ދެވޭނެ ރަނގަޅު ނިޒާމެއް މިހާތަނަށް އޮތީ ނުހެދިއެވެ. އެހެންކަމުން މިއީ އެ ރަށުގެ ރައްޔިތުން ވަރަށް ކުރިއްސުރެ ދެކެމުން އައި ބޮޑު އުންމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ އުލިގަމަށް ހާއްސަ އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި މި މެރީނާ ތަރައްގީކޮށް، އޭގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމެވެ. މިއީ ރާއްޖެ އަންނަ ބޭރުގެ އުޅަނދުތަކަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.