ހޮންކޮންގެ މީހަކު ޗައިނާގެ ގައުމީ ސަލާމަށް ފާޑުކިއުމުން ހައްޔަރުކޮށްފި.
އުމުރުން 40 އަހަރުގެ މި މީހާ ޗައިނާގެ ގައުމީ ސަލާމަށް ފާޑުކިޔާފައިވަނީ ރެސްޓޯރެންޓެއްގެ ތެރޭގައެވެ. ޖަޕާނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްގެ ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރެއްގައި ޗައިނާގެ އެތްލީޓަކު ރަން މެޑަލް ހޯދުމާއި ގުޅިގެން، ޗައިނާގެ ގައުމީ ސަލާމް އިއްވުމުން އޭނާ ވަނީ އެ ސަލާމަށް ފާޑުކިޔާ، އެ ރާގަށް އެހެން ބަސްތަކެއް ކިޔާފައެވެ. އަދި އެވަގުތު ރެސްޓޯރެންޓުގައި ތިބި އެހެން މީހުންވެސް އޭނާއާއި އެކު ބައިވެރިވުމަށް އޭނާ ވަނީ ގޮވާލާފައެވެ.
އެގައުމުގެ ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ. ހޮންކޮންގައި 2020 ވަނަ އަހަރު ފާސްކުރި ގާނޫނެއްގައިވާ ގޮތުން ގައުމީ ސަލާމަށް ފުރައްސާރަކުރެވޭ ކޮންމެ އަމަލަކީ ގާނޫނީގޮތުން ކުށެކެވެ.
އޭނާގެ މައްޗަށް އެކުށް ސާބިތުވެއްޖެނަމަ 6000 ޑޮލަރަށްވުރެ ބޮޑު ނުވާނޭ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ގައުމުތަކުގެ ގައުމީ ސަލާމަކީ އެގައުމުތަކުން ވަރަށް ހުރުމަތްތެރިކޮށް ހިތާ އެއްޗެކެވެ.
