އިންޑިއާގެ މަހާރާސްޓްރާގައި ހިތާމަވެރި ހާދިސާއެއް ހިނގައި، އައިފޯނަކާ ހެދި އުފެދުނު ދެބަސްވުމެއްގެ ސަބަބުން އާއިލާއެއްގެ ތިން މީހުން ފަރުބަދަމަތިން ވެއްޓި މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކު ނެގި އައިފޯނަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ނުދެއްކިގެން އާއިލާ ތެރޭގައި އުފެދުނު މައްސަލަތަކަކާ ގުޅިގެންނެވެ. އެ ފައިސާ ދެއްކޭނެ ގޮތެއް ނެތުމުން، އެ ކުއްޖާ ފަރުބަދައަކަށް އަރައި އަމިއްލައަށް މަރުވާނެ ކަމަށް ބުނެ ބިރުދެއްކުމުން މުޅި އާއިލާ އެއްކޮށް ނެތިދިޔައީ އެވެ.
މަހާރާސްޓްރާގެ ޗަތުރަޕަތީ ސަމްބާޖީނަގަރުގެ ފަރުބަދައެއްގެ މަތީގައި މި ކުއްޖާ ހުރެގެން ތިން ގަޑިއިރު ވަންދެން ބިރުދައްކަމުން ދިޔަ އެވެ. އެތަނަށް ފުލުހުންނާއި އާންމުންގެ އިތުރުން ކުއްޖާގެ މައިންބަފައިން ގޮސް އޭނާ ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރި އެވެ. އެގޮތުން ބައެއް މީހުން ވަނީ އޭނާއަށް އާ އައިފޯނެއް ގަނެދޭނެ ކަމަށް ބުނެ، ފަރުބަދަ މަތިން ތިރިއަށް ފޭބުމަށް އެދިފަ އެވެ. ނަމަވެސް އެކަމަށް އިންކާރުކޮށް، އެ ކުއްޖާ ފުންމާލަން އުޅުމުން އޭނާގެ ބައްޕަ އެ ކުއްޖާ ހިފަހައްޓަން އުޅުމުގެ ތެރޭގައި ދެމީހުން އެކުގައި ފަރުބަދަ މަތިން ވެއްޓުނީ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
އެ ހާދިސާގައި ކުއްޖާ އާއި ބައްޕަ ފަރުބަދަ މަތިން ވެއްޓުނު މަންޒަރު ފެނިފައި، އެ ކުއްޖާގެ މަންމަ ވެސް ވަނީ ފަރުބަދަ މަތިން ފުންމާލައިފަ އެވެ. މި ހިތާމަވެރި ހާދިސާގައި އެ އާއިލާގެ ތިން މީހުން ވެސް ވަނީ އެތަނަށް ވެއްޓި ވަގުތުން މަރުވެފަ އެވެ. މިއީ އަގުބޮޑު ފޯނުތަކާއި އެހެނިހެން ތަކެތި ހޯދުމަށް މީހުންގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން އާއިލާތަކަށް ކުރިމަތިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ބުނެ، އިންޑިއާގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
