ދެ މޫނުގެވެރިންނަކީ މުޖުތަމަޢެއްގައި އުޅޭނެ އެންމެ ނުރައްކާތެރި އަދި އެންމެ ނުބައި ބައެކެވެ. މީހެއްގެ ކުރިމަތީގައި ހެޔޮއެދޭ އެކުވެރިއެއްގެ ސިފަ ދައްކައި، އެމީހާ ނެތް ތަނުގައި އޭނާއަށް ނިކަމެތިކަމާއި ގެއްލުން ދިނުމަށް މަސައްކަތްކުރުމަކީ އިންސާނީ ރީތި އަޚުލާޤާ މުޅިން ޚިލާފު ކަމެކެވެ. އިސްލާމްދީނުގައި މުނާފިޤުކަން ސިފަކުރައްވާފައިވަނީ އީމާންކަމުގެ އަޞްލާ މުޅިން އިދިކޮޅު، ހިތުގެ ބަލިމަޑުކަމެއްގެ ގޮތުގައެވެ.

​އިސްލާމީ ތާރީޚަށް ބަލާއިރު، އިސްލާމީ އުންމަތަށް އެންމެ ބޮޑެތި ގެއްލުންތަކާއި ނިކަމެތިކަން ކުރިމަތިވެފައިވަނީ ސީދާ ކުރިމަތިން އަންނަ ދުޝްމަނުންގެ ފަރާތަކުން ނޫނެވެ. ނަމަވެސް، މުސްލިމުންގެ ތެރޭގައި އެކުވެރިންގެ ގޮތުގައި އުޅެމުން ދެމޫނު ދެއްކި މުނާފިޤުންގެ ފަރާތުންނެވެ. އެމީހުންގެ ދުލުން ބުނާ ބަހާއި ހިތުގައިވާ އީމާންކަމާ ދިމަލެއް ނުވެއެވެ. މިއީ މުޖުތަމަޢުގެ އިޖުތިމާޢީ ގުޅުންތައް ހަލާކުކޮށް، މީހުންގެ މެދުގައިވާ އިތުބާރު ނައްތާލާ އެންމެ ބޮޑު އެއް ސަބަބެވެ.

​ކީރިތި ޤުރްއާނުގައި މުނާފިޤުންގެ ނުބައިކަމާއި އެމީހުންގެ ޙަޤީޤީ ސިފަ ބަޔާންކުރައްވައި ﷲ ތަޢާލާ ވަނީ ވަޙީކުރައްވާފައެވެ. ސޫރަތުލް ބަޤަރާގެ 14 ވަނަ އާޔަތުގައި ވަނީ: ​وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَىٰ شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ. މާނައީ: ​"އަދި އީމާންވި މީހުންނާ އެއުރެން ބައްދަލުވާހިނދު، ތިމަންމެން އީމާންވެއްޖީމުއޭ އެއުރެން ބުނެތެވެ. އަދި އެއުރެންގެ ޝައިޠާނުން (އެބަހީ: އެއުރެންގެ ވެރިން) ނާއެކު އެކަހެރިވެއްޖެހިނދު ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ ތިޔަބައިމީހުންނާއެކުގައެވެ. ތިމަންމެން ވާކަން ކަށަވަރީ ފުރައްސާރަކުރާ ބަޔަކު ކަމުގައެވެ." (ސޫރަތުލް ބަޤަރާ: 14)

​މުފްތީ މެންކްގެ ދީނީ ނަޞީޙަތްތަކުގައި ފާހަގަކުރައްވާ ގޮތުގައި، ދެމޫނުކަމާއި މުނާފިޤުކަމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ކަމެއް ނޫނެވެ. އެއީ މީހާގެ ހިތާއި ދުލާ ދެމެދުގައިވާ ގުޅުން ކެނޑި، ތެދުވެރިކަން ގެއްލިގެންދާ ދިޔުމެކެވެ. މުފްތީ މެންކް އިރުޝާދު ދެއްވާ ގޮތުގައި، އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެހެން މީހުންގެ ދެމޫނުކަން ހޯދަން އުޅުމުގެ ބަދަލުގައި، އަމިއްލަ ނަފްސުގައި އެފަދަ ސިފައެއް ހުރެދާނެކަމަށް ބިރުވެތިވެ، އަމިއްލަ ނަފްސު އިޞްލާޙުކުރުމަށް އިސްކަންދޭންޖެހެއެވެ. އެހެނީ، ހިތުގެ ތެދުވެރިކަމަކީ ﷲ ގެ ޙަޟްރަތުގައި ޢަމަލުތައް ޤަބޫލުކުރެއްވުމުގެ މައިގަނޑު ޝަރުޠެވެ.

​އެހެންކަމުން، ދެމޫނުގެވެރިއަކަށް ނުވުމަށްޓަކައި އަޅުގަނޑުމެންގެ ބަހާއި ޢަމަލު އެއްގޮތްކުރަންޖެހެއެވެ. މީހުންގެ ކުރިމަތީގައާއި އެކަހެރިކޮށްވާ ވަގުތުތަކުގައިވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރަންޖެހެއެވެ. މުޖުތަމަޢުގައި ބަދަހިކަމާއި ލޯބި އުފެއްދޭނީ އެކަކު އަނެކަކަށް ތެދުވެރިވެ، މުނާފިގުކަމުގެ ނުބައި ސިފއިން ދުރުހެލިވެގެންނެވެ. ދެމޫނުކަމުން އަޅުގަނޑުމެން ހިތްތައް ޞާފުކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި އަބަދުވެސް ދުޢާކުރަންޖެހެއެވެ.

ހަވާލާ: މުފްތީ މެންކުގެ ދަރުހަކުން 2025.