މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އިން އިންޓަ މިއާމީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީ ޖޫރިމަނާކޮށްފިއެވެ. ނަމަވެސް، މެސީ ޖޫރިމަނާކުރި ފައިސާގެ އަދަދު އެމްއެލްއެސް އިން ސިއްރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އެމްއެލްއެސްގެ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން އެޅި ފިޔަވަޅެއް ކަމަށް ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްއެލްއެސްގެ އޮފީހުން ބުނީ މެސީ ޖޫރިމަނާކުރަން ނިންމީ ލީގުގެ އުސޫލުތަކާ އޭނާ ހިލާފުވެފައިވާތީ ކަމަށެވެ. އެގޮތުން ބައެއް މެޗުތަކަށް ފަހު މީޑިއާއަށް މައުލޫމާތު ދިނުމަށް އޮންނަ ގަވާއިދާ މެސީ އެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށް ބޭރުގެ ކުޅިވަރު ނޫސްތަކުން ބުންޏެވެ. އަދި މި ފިޔަވަޅަކީ ކޮންމެ ކުޅުންތެރިއަކު ނަމަވެސް ގަވާއިދާ ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅެއްކަން އެމްއެލްއެސް އިން ވަނީ ހާމަކޮށްފައެވެ.

މިދިޔަ އަހަރު އިންޓަ މިއާމީއާ ގުޅުނު ފަހުން މެސީ އަންނަނީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިދެމުންނެވެ. އަދި އޭނާގެ ސަބަބުން އެމްއެލްއެސް އަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު، މިއީ އޭނާ އެމެރިކާގެ ލީގަށް ބަދަލުވި ފަހުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.