ޗައިނާގައި އުމުރުން ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގޭގައި ކުޅެން އުޅުމުގެ ތެރޭގައި އޮޅިގެން ފަންސާސް ގުރާމުގެ ރަންގަނޑެއް ދިރުވާލައިފިއެވެ. މި ހާދިސާއާ ގުޅިގެން ކުއްޖާގެ ހާލު ސީރިއަސްވެ، މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުއްޖާ ދިރުވާލި ރަންގަނޑުގައި ހަތަރު ސެންޓިމީޓަރު ހުރިއިރު، އެކްސްރޭއިން ދެއްކި ގޮތުގައި އެ ރަންގަނޑު އޮތީ ކުއްޖާގެ ބަނޑުގައި ތާށިވެފައެވެ. އާއިލާއިން އެންމެ ފުރަތަމަ ކުއްޖާ ގޮވައިގެން އާދައިގެ ކުދި ކްލިނިކްތަކަށް ދިޔަ ނަމަވެސް، އެ ތަންތަނުގައި އެމަޖެންސީކޮށް އެ ނެގޭނެ ވަސީލަތް ނެތުމުން، ކުއްޖާ ބެއިޖިން ޗިލްޑްރެންސް ހޮސްޕިޓަލަށް ގެންދިޔައީ ހާލު ވަރަށް ބޮޑަށް ގޯސްވި ފަހުންނެވެ.

ކެޕިޓަލް މެޑިކަލް ޔުނިވާސިޓީއާ ގުޅިފައިވާ އެ ހޮސްޕިޓަލުން ބުނީ، އެ ރަންގަނޑަކީ ބަރު އަދި އޮމާން އެއްޗަކަށް ވުމުން ހަޖަމުކުރާ ނިޒާމުގެ ތެރޭގައި ތާށިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެ ނުނަގައި ގިނައިރު ވެއްޖެނަމަ، ބަނޑުގެ އެތެރެއަށް ގެއްލުންވެ، އެތެރެހައްޓަށް ލޭ އެޅުމާއި ގުނަވަންތައް ފަޅައިގެން ދިއުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތަކާ ކުރިމަތިވުމުގެ ބިރު އޮތް ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.