އައްޑޫ ސިޓީގައި ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕެއްގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި، އެކަން ތަހުގީގު ކުރުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރުސީއެމް) ގޮވާލައިފިއެވެ.
އެ ކޮމިޝަނުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ކޭމްޕްގައި ބައިވެރިވި ކުދިންގެ ތެރެއިން ބައެއް ކުދިން ކާނާ ވިހަވެ، ހާލު ދެރަވުމުގެ ސަބަބުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. މިކަމާ ގުޅިގެން ކޮމިޝަނުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހާދިސާއާ ގުޅޭ ކަންކަން އެޗްއާރުސީއެމުން ވަރަށް ގާތުން މޮނިޓަކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި މިއީ ކުދިންގެ ސިއްހަތާ ގުޅިފައިވާ ވަރަށް ނާޒުކު މައްސަލައަކަށް ވާތީ، ކަމާބެހޭ އިދާރާތަކުން މިކަން އަވަހަށް ތަހުގީގު ކުރުމަށް ވަނީ އެދިފައެވެ.
"މިފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ބައްޓަންކޮށް ބަލަހައްޓަމުން ގެންދިއުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރަން،" އެޗްއާރުސީއެމުން ބުންޏެވެ.
ކާނާ ވިހަވުމުގެ ސަބަބުން ބަލިވި ދަރިވަރުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ކެޑޭޓް ކޭމްޕްގައި ކުދިންތަކެއް ކާނާ ވިހަވެ ހޮސްޕިޓަލުގައި ފަރުވާދެމުން އައި ނަމަވެސް، މިކަމާ ގުޅޭގޮތުން ކަމާބެހޭ އެހެން އެއްވެސް ރަސްމީ އިދާރާއަކުން އަދި މިހާތަނަށް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
