މާލޭ ވިޔަފާރި ބަނދަރަށް މިއީ އާދަޔާ ހިލާފަށް ބާރުބޮޑު ދުވަސްވަރެކެވެ. ފަސް ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި މުދާ އުފުލާ ފަސް ބޯޓެއް މާލޭ ބަނދަރަށް އައިސް، ކޮންޓޭނަރުތައް ހުސްކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ދަނީ ކުރިއަށެވެ. މިއާއެކު ބަނދަރުގެ އޮޕަރޭޝަންތައް ވަނީ ރޭގަނޑާއި ދުވާލު މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން ފަށާފައެވެ.
މި ބާރުބޮޑު ހަފުތާގެ ފެށުމެއްގެ ގޮތުން، މި މަހުގެ 20 ވަނަ ދުވަހު ބަނދަރުކުރި ކޮންޓޭނަރު ބޯޓު ކަމަށްވާ "އެމްއެސްސީ މަނާސާ" ގެ މަސައްކަތް އެމްޕީއެލް މުވައްޒަފުން ވަނީ ވަރަށް އަވަހަށް ނިންމާލާފައެވެ. އެ ބޯޓުން 857 ޓީއީޔޫގެ މުދާ ގެނައި އިރު، މުދާ އެރުވުމާއި ބޭލުމާއެކު ޖުމްލަ 1747 ޓީއީޔޫގެ އޮޕަރޭޝަނެއް ތިން ދުވަހަށް ވުރެ ކުރު މުއްދަތެއްގައި ވަނީ ފުރިހަމަކޮށްފައެވެ. އެއަށްފަހު އެ ބޯޓު މިހާރު ވަނީ ފުރާފައެވެ.
މިހާރު ބަނދަރުގައި އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ މި މަހުގެ 21 އިން 24 އަށް މާލެ އައިސްފައިވާ ފަސް ބޯޓެއްގެ މަސައްކަތެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްއެސްއެސް ގަލޭނާ، ލީލާ މޮމްބާސާ، މެލީސާ، ސެލެސްޓިއާ އަދި އެމްއެމްއެސް ގްރެފީން އެވެ. މި ފަސް އުޅަނދުން އެކަނިވެސް ޖުމްލަ 3054 ޓީއީޔޫގެ މުދާ މާލޭ ވިޔަފާރި ބަނދަރަށް ބާލާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.
ގިނަ އަދަދެއްގެ ބޯޓުތަކެއް އެއްފަހަރާ އައި ނަމަވެސް، ބަނދަރުގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، މުދާ ކްލިއާ ކުރުމުގެ މަސައްކަތް ލަސްނުވެ ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ސަބަބުން ރާއްޖޭގެ ބާޒާރަށް ބޭނުންވާ މުދާ ދަތިކަމެއް ނެތި، އަވަސް މިނެއްގައި ލިބުމަށް މަގުފަހިވެގެން ދާނެއެވެ.
