ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދު ފުޅާކޮށް ކުރިއެރުވުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު ވަރަށް ބޮޑު ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލައިޒޭޝަނާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ފިންޓެކް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަކީ މުޖުތަމައުތައް ގުޅުވައިދޭ މުހިންމު ވަސީލަތްތަކެކެވެ. މީގެ ސަބަބުން ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ، އިގުތިސާދީ އާ ފުރުސަތުތައް ތަނަވަސްކޮށްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުތަކުގެ އެންމެ ބޮޑު އެއް ޒިންމާއަކީ ހަރުދަނާ ސިޔާސަތުތަކާއި ގަވާއިދުތަކުގެ ތެރެއިން ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ވިޔަފާރިތަކަކީ އިންވެސްޓްމަންޓްތަކާއި އީޖާދީ އުފެއްދުންތަކުގެ އިތުރުން ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، ތަފާތު ހިޔާލުތައް ހަގީގަތަކަށް ހަދައިދިނުމުގެ ގާބިލުކަން ލިބިފައިވާ މައިގަނޑު ބާރު ކަމަށް ވެސް ވިދާޅުވިއެވެ.

"ރާއްޖެއަށް ބަލާއިރު، ޓެކްނޮލޮޖީއަކީ އީޖާދީ އުފެއްދުންތަކުގެ ޒަރީއާއިން އަމަލީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، ހިދުމަތްތައް ފޯރުކޮށްދިނުމުގައި ލާމެހިފައިވާ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، އިގުތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެއް،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ކުދި ގައުމުތަކަށް މި ހުރިހާ ބާރުތައް އެއް އަމާޒަކަށް ގެނައުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރާއި ވިޔަފާރިތަކާއި އިންވެސްޓަރުން ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. އަދި މި ފޯރަމަކީ ހަމައެކަނި ގޮންޖެހުންތަކާ މެދު މަޝްވަރާކުރާ ތަނެއް ނޫން ކަމަށާއި، މިއީ އާ ފުރުސަތުތައް ދެނެގަނެ، އީޖާދީ ހިޔާލުތަކަށް މާލީ އެހީތެރިކަން ހޯދަން ލިބޭ އަގުހުރި ފުރުސަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އިންޓަނޭޝަނަލް ފޯރަމެކެވެ. މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިއެރުމުގައި ދައުލަތާއި ވިޔަފާރިތަކުގެ އިތުރުން، އިންވެސްޓަރުންނާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ.