ދިވެހި ރުފިޔާގެ ޑިމާންޑް ބޮޑުކުރުމަށްޓަކައި، ރާއްޖޭގައި ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. މިއީ 2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ މާލީ މުއާމަލާތްތައް ދިވެހި ފައިސާއިން ކުރާ ގޮތަށް ބަދަލުކުރުމަށް އެމްއެމްއޭއިން ހިފައިފައިވާ އަމާޒުގެ ތެރެއިން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ގަވަރުނަރު ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، މިވަގުތު ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 ޕަސަންޓަށް ވުރެ މަތީގައި ކަމަށެވެ. ރާއްޖެ ވާންޖެހޭނީ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ހިންގާ ގައުމަކަށް ކަމަށާއި، މިއީ މީގެ ކުރިން ތިއްބެވި ގަވަރުނަރުންގެ ވެސް އަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑޮލަރުން ކުރާ މުއާމަލާތްތަކުގެ މިސާލު ނަންގަވަމުން ގަވަރުނަރު ވިދާޅުވީ، ޓީއެމްއޭ އާއި ރިސޯޓުތައް ފަދަ ތަންތަނުން މުސާރަ ދެމުން އަންނަނީ ޑޮލަރުން ކަމަށެވެ. އެހެންކަމުން ޑޮލަރުން މުސާރަ ދިނުމުގެ ކަންކަމަށް ބަދަލުތަކެއް އަންނަން ޖެހޭނެ ކަމަށާއި، ހަގީގަތުގައި ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުވެގެންދާނީ އޭރުން ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މުސާރައިގެ އިތުރުން، ޓޫރިޒަމް ދާއިރާއިން ސަރުކާރަށް ދައްކަން ޖެހޭ ބިމު ކުލި ފަދަ ފައިސާ ވެސް ބޭރު ފައިސާއިން ދައްކަމުންދާކަން ފާހަގަކުރައްވައި، އެކަންވެސް ބަދަލުކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މާލީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މެކްރޯ ބަދަލުތަކެއް ގެނެސް، ބަޖެޓުގެ ސިޔާސަތުތައް ސްޓޭބަލައިޒް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި ކުރިމަގުގެ ތަސައްވުރަކީ ރާއްޖޭގައި މެނޭޖްޑް-ފްލޯޓް ނިޒާމެއް އޮތުން ކަމަށާއި، އެ ހިސާބަށް ދާއިރު އެމްއެމްއޭގައި އެކަށީގެންވާ ރިޒާވެއް ހުންނަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.