ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓައިންމަންޓުން ކުރިއަށް އޮތް ތަނުގައި ގެނެސްދިނުމަށް ހަމަޖެހިފައިވާ އާ ފިލްމު، "މަގޭ ބިޓްގެ ވެޑިން" ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ. މިއީ މަޖާ އަދި ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.
މި ފިލްމުގެ ވާހަކަ ލިޔެ، ޑައިރެކްޓްކޮށްފައިވަނީ ހުނަރުވެރި ޑައިރެކްޓަރު ޝަހުދާ މަހުމޫދެވެ. މިއީ ޝަހުދާގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ. އޭނާގެ ފުރަތަމަ ފިލްމަކީ މި އަހަރު ކުރީކޮޅު ޑާކް ރެއިން އިން ގެނެސްދިން ހޮރޯ-ކޮމެޑީ ފިލްމު 'ބިބީ' އެވެ.
"މަގޭ ބިޓްގެ ވެޑިން" ގެ ލީޑު ރޯލުން ފެނިގެންދާނީ ޑާކް ރެއިންގެ ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ ތަރި ޝަރަފު އަބްދުﷲ އެވެ. ޝަރަފުގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފާތުމަތު ރާޔާ، އަބްދުﷲ ޝާފިއު (ފުބޫ)، ހާޒިފް މުހައްމަދު، ޝީލާ ނަޖީބް، އަހުމަދު ސައީދު، އައިމިނަތު ނޫރާ އަދި އަބްދުﷲ ޒަލީޝަން ފަދަ ތަރިން ފެނިގެންދާނެ އެވެ.
މި ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރުގެ ތެރޭގައި ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯއިން މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމު "ޖަންނަތު" މިހާރުވެސް އަންނަނީ އޮލިމްޕަހުގައި ދައްކަމުންނެވެ.
