ދުނިޔޭގެ އެންމެ ބޮޑު އެއް ރީތީގެ މުބާރާތް ކަމަށްވާ މިސް ވޯލްޑްގެ "ހެޑް ޓު ހެޑް ޗެލެންޖު" ގެ އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ގަދަ ފަހެއްގައި ރާއްޖޭގެ މަރިޔަމް އީމާ މުހައްމަދު ހިމެނިއްޖެ އެވެ. މިއީ އިންޓަނޭޝަނަލް މުބާރާތެއްގައި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މިސް ވޯލްޑް އިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ގޮތުން، އޭޝިއާ އަދި އޯޝޭނިއާ ބައްރުން އީމާއާ އެކު ދެން ގަދަ ފަހެއްގައި ހިމެނެނީ ކުކް އައިލެންޑްސް، ކޮރެއާ، ފިލިޕީންސް އަދި ވިއެޓްނާމްގެ ރީތީގެ ރާނީންނެވެ. މިއީ ވަރަށް ވަރުގަދަ ގައުމުތަކަކާ ވާދަކޮށް އީމާ ހޯދި ފަހުރުވެރި މަގާމެކެވެ.

މި ޗެލެންޖުގެ ގަދަ ފަހަކުން އީމާއަށް ޖާގަ ލިބުނީ އޭނާ ދެއްކި ވާހަކަތަކާއި ހިއްސާކުރި ކަންކަމަށް ޖަޖުން ވަރަށް ބޮޑަށް ތަރުހީބު ދިނުމާ ގުޅިގެންނެވެ. އީމާ ވަނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވަރަށް ފުރިހަމައަށް އޮޅުންފިލުވައިދީފަ އެވެ. އެކަމުގެ ސަބަބުން އޭނާގެ އަޑު ދުނިޔޭގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.

މިއީ މިސް ވޯލްޑްގެ ގަދަ ސާޅީހަށް ދިއުމަށް ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ މިހާރު ބާކީ އޮތީ އެންމެ ފަހު މަރުހަލާ ކަމަށެވެ. އެ މަރުހަލާގައި ކުރިމަތިކުރާ އެންމެ ފަހު ސުވާލަށް ދޭ ޖަވާބަކުން، މުބާރާތުގެ ގަދަ ސާޅީހުން ޖާގަ ކަށަވަރު ކުރުމުގެ ފުރުސަތު އީމާއަށް އޮންނާނެ އެވެ.

އީމާ މިހާ ހިސާބަށް ކުރި ދަތުރުން ވެސް އޭނާ ވަނީ ރާއްޖެ ފަހުރުވެރިކޮށްދީފަ އެވެ. މިފަދަ ބޮޑު މުބާރާތެއްގެ އޭޝިއާ ސަރަހައްދުގެ ގަދަ ފަހެއްގައި ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ބައިވެރިއަކު ހިމެނުމަކީ، ދިވެހި ޒުވާނުންނަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ. އުންމީދަކީ އީމާ ކުރިއަށް އޮތް މަރުހަލާ ކާމިޔާބުކޮށް، ގަދަ ސާޅީހުން ޖާގަ ހޯދުމެވެ.