ބާސެލޯނާ އަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ހުރެ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށް ބާސެލޯނާ އިން އިއުލާނުކޮށްފިއެވެ.

މިހާރު އުމުރުން 34 އަހަރުގެ މެސީ އެންމެ ފަހުން ބާސެލޯނާ އާއެކު 2017 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ ހަމަަވެފައެވެ.

ބާސާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ލަލީގާގެ މާލީ ގަވާއިދުތަކުގެ އޮނިގަނޑު އޮތް ގޮތުން މިވަގުތު މެސީ އަށް ބާސާއާ އެކު އެއްބަސްވުން އާކުރެވެން ނެތް ކަމަށެވެ.

އެގޮތުން، މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން އޭނާ ކުރީގެ މުސާރަ ދެބައިކުޅަ އެއްބައި ކުޑަކޮށްގެން ބާސެލޯނާ އިން ކުރި މަސައްކަތުން ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެ ކްލަބުގެ ހުރިހާ ކުުޅުންތެރިިންގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވުމެވެ.

އުމުރުން 13 އަހަރުގައި ބާސާގެ ޖާޒީގައި ފެނިގެންދިޔަ މެސީ، 21 އަހަރަށް ފަހު އެ ކްލަބު ދޫކޮށްލާނެކަން ކަށަވަރުވެފައިވާއިރު އޭނާ ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 778 މެޗުން 672 ގޯލު ޖަހައިދީފައެވެ. މީގެތެރެއިން 120 ގޯލް ޖަހާފައިވަނީ ޔުއެފާ ޗެމްޕިއަންސްލީގުގައެވެ.

ބާސެލޯނާ އާއެކު މިހާތަނަށްއައިއިރު ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން 10 ފަހަރު ހޯދިއިރު، ހަތަރު ޗެމްޕިއަންސް ލީގާއި، ކޮޕާ ޑެލް ރޭގެ ތަށި ހަތް ފަހަރު ކާމިޔާބުކޮށްފައިވެއެވެ. މީގެއިތުރުން، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށްދޭ ބެލޮންޑިއޯ އެވޯޑް ވެސް ހަ ފަހަރު މަތީން ހޯދާފައިވެއެވެ.