މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ މޮޅު ފޯވާޑް އާލިން ހާލަންޑްގެ ދިގު އިސްތަށިގަނޑު ކުރުކޮށްލައިފިއެވެ. އޭނާ މި ބަދަލު ގެނެސްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ 2026 އިން 2027 ވަނަ އަހަރުގެ އާ ސީޒަނާ ދިމާކޮށެވެ.
ހާލަންޑް އޭނާގެ އާ ސްޓައިލް އާންމުކޮށްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އޭނާގެ ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން އޭނާ ބުނެފައިވަނީ "އާ ސީޒަން، އާ ޓްރިމް" ކަމަށެވެ.
އޭނާ ސިޓީއާ ގުޅުނު ފަހުން، އެ ދިގު އިސްތަށިގަނޑަކީ ގިނަ ބައެއްގެ މެދުގައި އޭނާ އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ސިފައެވެ. މެޗުތަކުގައި ކުޅޭއިރު އާންމުކޮށް އިސްތަށިގަނޑު އައްސާފައި އޮންނައިރު، ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން އިސްތަށިގަނޑު ނިއުޅާލާތަން ވަރަށް ގިނައިން ފެނެއެވެ.
މި އާ ބަދަލާއެކު އޭނާ ނުކުންނާނީ ޕްރިމިއާ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުގައެވެ. ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭ ހާލަންޑް، މި އާ ސްޓައިލާއެކު ވެސް ގިނަ ލަނޑުތަކެއް ޖަހާނެ ކަމަށް ސަޕޯޓަރުން އުއްމީދުކުރެއެވެ.
ހާލަންޑްގެ މި ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ސަޕޯޓަރުން އަންނަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ. ބައެއް މީހުންނަށް އޭނާގެ ކުރީގެ ސްޓައިލް ކަމުދިޔަ ނަމަވެސް، އަނެއް ބަޔަކު ދެކޭ ގޮތުގައި އާ ސްޓައިލާއެކު އޭނާ ފެންނަނީ މާ ރީތިކޮށެވެ.
