ލަގެޖުގައި ވަޒަން އަޅާފައިވާ މެގަޒިނެއް އޮތް އެމެރިކާ ރައްޔިތަކު ރާއްޖެ އައުމުން ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފި އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކޮބޯލޯ ބްރިޓެއިން ޓައިލާ ނަމަކަށް ކިޔާ އެމެރިކާ ރައްޔިތެކެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އައި ވަގުތު، އޭނާ ގެނައި ލަގެޖު ބަލައި ފާސްކުރިއިރު އޭގެ ތެރެއިން ވަޒަންތަކެއް ހުރި މެގަޒިނެއް ފެނުމާ ގުޅިގެންނެވެ. މި ތަކެތި ފެނުމާއެކު އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އޭނާ ހައްޔަރުކުރުމަށްފަހު، ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން ހަނގުރާމަވެރި ހަތިޔާރާއި، ވަޒަނާއި ގޮވާޒާތުގެ ތަކެތި ރާއްޖެއަށް އެތެރެކުރުމަކީ ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ސީރިއަސް ކުށެކެވެ.