ކުށްކޮށްގެން ނުހައްގުން ހޯދާ މުދަލުން މަންފާ ހޯދުން ހުއްޓުވުމަށްޓަކައި، އެފަދަ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލެއް އެކުލަވާލައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށްޓަކައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނީ އޮނިގަނޑެއް ތައާރަފުކުރުމަކީވެސް މި ބިލުގެ ބޭނުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ބިލުގެ ސަބަބުން، ޖިނާއީ ބޮޑެތި ކުށްތައް ކުރާ މީހުން އެފަދަ ކުށްތައް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެއެވެ.

މީގެއިތުރުން، އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ އަނބުރާ ދައުލަތަށް ނެގުމުގައި މިހާރު ކުރިމަތިވެފައިވާ ގާނޫނީ މައްސަލަތަކަށް ވެސް މި ބިލުން ހައްލެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.